News
ނިއު ރޭޑިއަންޓް ޔޫތް ކޯޗަކަށް، ކޯޗް އިއްލެ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
6 ޖެނުއަރީ 2019
ފެބުރުއަރީމަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތް ޗެމްޕިއަންޝިޕްގައި ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ޔޫތް ޓީމުގެ ހެޑް ކޯޗަކަށް ކޯޗް މުޢާވިޔަތު އިލްހާމް (އިއްލެ) ހަމަޖައްސައި، ޓީމްގެ ފަރިތަކުރުންތައް ފަށައިފިއެވެ. ނިއު ރޭޑިއަންޓް ވެގެންދާނީ ޔޫތް މުބާރާތައް ފަރިތަކުރުންތައް ފެށި ހަތަރު ވަނަ ޓީމަށެވެ.
އެންމެ ފަހުން އެފް.އޭ.އެމް އިން ބޭއްވި އޭ.އެފް.ސީ "އޭ" ލައިސަންސް ކޯސް ފުރިހަމަކޮށް "އޭ" ލައިސަންސް ހާސިލްކޮށްފައިވާ އިލްހާމް ވަނީ ނިމިގެންދިޔަ އެފް.އޭ.އެމް އިން އިންސްޓްރަކްޓަރުން ތަމްރީންކުރުމަށް ބޭއްވި ކޯހުގައިވެސް ބައިވެރިވެ އިންސްޓްރަކްޓާ ސެޓްފިކެޓްވެސް ހާސިލްކޮށްފައެވެ.
ކޯޗް އިއްލެ ގެ އެންމެ ފަހުގެ ކާމިޔާބީއަކީ ނިމިދިޔަ 2018 ވަނަ އަހަރު މާޅޮސް ފުޓްބޯޅަ ޓީމާއިއެކު މިނިވަން 50 ޗެމްޕިއަންޝިޕަށް ނިކުމެ އެ އަތޮޅު މުބާރާތް ކާމިޔާބުކުރުމެވެ. މާޅޮސްގެ އިތުރުން ގއ.ކޮނޑޭ ފުޓްބޯޅަ ޓީމާއިއެކުވެސް މިނިވަން 50 ޗެމްޕިއަންޝިޕްގައި ކޯޗް އިއްލެ ވަނީ ފާހަގަކުރެވޭ ވަރުގެ މަސައްކަތްތަކެއްކޮށްފައެވެ. މީގެ އިތުރުން ނިމިދިޔަ އަހަރު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިމާދުއްދީން ސްކޫލްގެ 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް ތަށި ކާމިޔާބުކުރީވެސް ކޯޗް އިއްލެގެ އިރުޝާދުގެ ދަށުންނެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓުން މުޅިން އަލަށް ޔޫޓް ޗެމްޕިއަންޝިޕަށް ނިކުމެ ތަށި ކާމިޔާބުކުރީ ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްގެ މައްޗަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.
ނިއު ރޭޑިއަންޓްގެ އިތުރުން ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މުޅިން އަލަށް ޔޫތް މުބާރާތަށް ނިކުންނަ، ފޯކައިދޫ އިންވެސް ފަރިތަކުރުންތައް މިހާރު ފަށާފައެވެ.
މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.
އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބް