News
ސައްޔިދު އަލީ ނިއުރޭޑިއަންޓްގެ ސީނިއަރ ވައިސް ޗެއާމަންއަކަށް ހަމަޖައްސައިފި
23 މެއި 2019
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސީނިއަރ ވައިސް ޗެއާމަނަކަަށް ކުރީގެ ފުޓުބޯޅަ އަދި ވޮލީ ލެޖެންޑް ސައްޔިދު އަލީ ހަމަޖައްސައިފިއެވެ.
ސައްޔިދު އަލީ އެމަގާމަށް އައްޔަންކުރިކަން ނިއުރޭޑިއަންޓްގެ ފޭސް ބުކް ޕޭޖުގައިވަނީ އިއުލާންކޮށްފައެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭކަމަށް ބުނެ އެފްއޭއެމްގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފައިވާ ނިއުރޭޑިއަންޓް ނަގާ ކޮޅަށް ޖެހުމަށްޓަކައި އެޓީމުގެ ސަޕޯޓަރުން އިސްނަގައިގެން ފެށި މަސައްކަތުގެ ސަބަބުން ނިއުރޭޑިއަންޓް އަލުން ފެނިގެން ހިގައިދާނެ ކަމަށްބެލެވެއެވެ.
ނިއުރޭޑިޔަންޓް މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ނިއުގެ ސަޕޯޓަރުން އިސްނަގައިގެން ވަނީ މަސައްކަތް ތަކެއް ފަށާފެއެވެ. އެގޮތުން އެކުލަބުގެ ބާނީ ކަމަށްވާ އަހްމަދު ވަހީދު (ކްއީން ވަހީދު) އާއި ބައްދަލުކޮށް އެމީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖޭގެ މައްޝޫރު ގިނަ ކުޅުންތެރިންނާއި އެކު ނިއުރޭޑިޔަންޓުންވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ނިއުރޭޑިއަންޓްގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވަނީ ރޭ އިސްތިއުފާދެއްވާފައެވެ.
އިސްތިއުފާދެއްވި ސަބަބެއް ކަމަށް ޒިޔާދު ވިދާޅުވީ ކްލަބުގެ ޗެއާމަންކަމަށް ޝައުގުވެރިވާ އެހެން ފަރާތްތައްވެސް ތިބުމުގެ އިތުރުން އަމިއްލަ މަސައްކަތްތަކުގައި ގިނައިން ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހިވަޑައި ގަންނަވާތީ އެމަގާމުގައި ދެމިހުންނަން ދަތިކަމަށެވެ.
ނިއުރޭޑިއަންޓް އަކީ ރާއްޖޭގެ މައްޝޫރު އަދި އެންމެ ކާމިޔާބު ވެސް ކްލަބެވެ.
DPL2019-20 New Radiant Sports Club