News
ނިޒާމްބެ އާއިއެކު ނިއުރޭޑިއަންޓުން ރަސްމީ ވާހަކަތައް ފަށައިފި
22 މެއި 2019
ކުޅުންތެރިންނަށް މުސާރަ ނުދޭކަމަށް ބުނެ އެފްއޭއެމްގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފައިވާ ނިއުރޭޑިއަންޓް ނަގާ ކޮޅަށް ޖެހުމަށްޓަކައި ޓީސީ ސްޕޯޓްސްއަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެޓީމުގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް( ނިޒާމްބެ) އާއި އެކު ރަސްމީކޮށް ވާހަކަ ތައް ފަށައިފި ކަމަށް ނިޒާމްބެ ބުނެފިއެވެ.
ބޯޅަ.އެމްވީ އަށް ނިޒާމްބެ ވަނީ ނިއުރޭޑިއަންޓުން އޭނާ އާއި އެކު ވާހަކަ ދައްކަން ފަށާފައިވާކަން ޔަގީން ކޮށްދީފައެވެ. ޓީސީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވަނީ ނިޒާމްބެގެ ކޯޗްކަމުގެދަށުންނެވެ.
ނިއުރޭޑިޔަންޓް މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ނިއުގެ ސަޕޯޓަރުން އިސްނަގައިގެން ވަނީ މަސައްކަތް ތަކެއް ފަށާފެއެވެ. އެގޮތުން އެކުލަބުގެ ބާނީ ކަމަށްވާ އަހްމަދު ވަހީދު (ކްއީން ވަހީދު) އާއި ބައްދަލުކޮށް އެމީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖޭގެ މައްޝޫރު ގިނަ ކުޅުންތެރިންނާއި އެކު ނިއުރޭޑިޔަންޓުންވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ނިއުރޭޑިއަންޓްގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވަނީ ރޭ އިސްތިއުފާދެއްވާފައެވެ.
އިސްތިއުފާދެއްވި ސަބަބެއް ކަމަށް ޒިޔާދު ވިދާޅުވީ ކްލަބުގެ ޗެއާމަންކަމަށް ޝައުގުވެރިވާ އެހެން ފަރާތްތައްވެސް ތިބުމުގެ އިތުރުން އަމައްލަ މަސައްކަތްތަކުގައި ގިނައިން ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހިވަޑައި ގަންނަވާތީ އެމަގާމުގައި ދެމިހުންނަން ދަތިކަމަށެވެ.
ނިއުރޭޑިއަންޓް އަކީ ރާއްޖޭގެ މައްޝޫރު އަދި އެންމެ ކާމިޔާބު ވެސް ކްލަބެވެ.
DPL2019-20 New Radiant Sports Club