News
ނިއުރޭޑިއަންޓްގެ ޗެއާމަން އިސްތިއުފާ ދެއްވައިފި
22 މެއި 2019
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން މުހައްމަދު ޒިޔާދު ރޭ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކުރީގެ ކާނަލް ޒިޔާދު އިސްތިއުފާދެއްވިކަން ސިޓީއަކުން ދަންނަވާފައެވެ. އިސްތިއުފާ ދެއްވި ސަބަބުތަކުގެ ތެރޭގައި އޭނާ ފާހަގަ ކުރި ބައެއް ކަންތައްތަކުގެ ތެރޭގައި މި ދަނޑިވަޅުގައި ކްލަބުގެ ޗެއާމަންކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކެއް އެބަތިބިކަމަށެވެ. ޒިޔާދު ވިދާޅުވެފައިވަނީ ކްލަބް އަޑިއަޅާލި މައިގަނޑު ސަބަބަކީ ސްޕޮންސަރުންގެ އަތުން ލިބެން ޖެހޭ ފައިސާ ނުލިބުން ކަމަށެވެ.
ޒިޔާދުގެ އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން 2017 ވަނަ އަހަރު ކްލަބާ ހަވާލުވިއިރު ކުރީގެ ދަރަނިތަކެއް ވެސް ހުރި ކަމަށާއި އޭގެ ތެރޭގައި ބައެއް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އެކި ތަންތަނަށް ނުދައްކާ ހުރި ބިލްތަކުގެ އިތުރުން ޝަރުއީ ކޯޓްތަކުގައި ކްލަބާ ދެކޮޅަށް މައްސަލަތަކެއް ވެސް ހުރި ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެން ކްލަބުގެ ބޯޑުން ނިންމީ އެ މައްސަލަތަކަކީ ކުރީގެ މައްސަލަ ތަކެއްގައި ވީ ނަމަވެސް ވީ އެންމެ ބޮޑަކަށް އެކަންތައްތައް ހައްލުކޮށްގެން ކުރިއަށް ދިއުމަށެވެ. މިގޮތުން އެފަދަ ގިނަ މައްސަލަތަށް ހައްލުކުރުމަށް ފަހު އަޅުގަނޑުމެންގެ ފުރަތަމަ އަހަރު ނިންމާލީ އެއްވެސް ދަރަންޏެއް ނެތި އެވެ،"
އެކަން އެގޮތަށް ހާސިލްކުރެވުނީ އަމިއްލަ ހައިސިއްޔަތުން ވެސް ކްލަބަށް ވަރަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކޮށްގެން ކަމަށާއި އެއާ އެކު 2017 ވަނަ އަހަރުގެ ޕްރިމިއާ ލީގުން ފެށިގެން 2018 ވަނަ އަހަރުގެ މާލޭ ލީގާ ހަމަޔަށް ހުރިހާ މުބާރާތެއްގެ ތަށި ކާމިޔާބުކުރުމުގެ ފަހުރު ލިބުނުކަން ވެސް، ޒިޔާދު ފާހަގަކުރެއްވި އެވެ.
ނަމަވެސް މިދިޔަ އަހަރު ފެށީ ސަރުކާރުން ދޭ ފައިސާގެ އިތުރުން ސްޕޮންސަރުގެ ގޮތުގައި ބޮޑު އެއްޗެއް ލިބޭނެ ކަމަށް ބެލެވިގެން ކަމަށާއި ނަމަވެސް ހީކުރި ގޮތާ ހިލާފަށް އެ ސްޕޮންސަރުންގެ އަތުން ފައިސާ ނުލިބުމުން 2018 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ކްލަބަށް މާލީ ގޮތުން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހުނީ ކަމަށް ޒިޔާދު ވިދާޅުވެފައިވެ އެވެ. އަދި މުހިއްމު ވަކިވަކި ކުޅުންތެރިންނަށް ބައެއް ފަރާތްތަކުން ހަމަޖައްސަން އެއްބަސްވި ގޮތަށް ފައިސާ ނުދިނުމުން އިތުރު ހުރަސްތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސިޓީގައި ޒިޔާދު އިތުރަށް ވިދާޅުވެފައިވަނީ މިދުވަސްވަރު މަސައްކަތްތަކުގައި އަދި ދިރިއުޅުމުގެ ކަންތަކުގައި ގިނަ ދުވަސްތަކެއްގައި ހޭދަކުރަން ޖެހެނީ ރާއްޖޭން ބޭރުގައި ކަމަށް ވުމުން ކްލަބަށް އެކަށީގެންވާ ވަގުތު މިހާރު ދެވެން ނެތް ކަމަށެވެ. އެއާ އެކު، މި ދަނޑިވަޅުގައި ކްލަބުގެ ޗެއާމަންކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް ތިބި ކަމަށް ފެންނާތީވެ އާއި މި ވަގުތަށް ކްލަބަށް އެންމެ ފައިދާހުރި ގޮތަކީ ކްލަބުގެ ޗެއާމަންކަން އެހެން ފަރާތްތަކާއި ހަވާލުކުރުން ކަމަށް ވެސް ފެންނާތީވެ ޗެއާމަންގެ މަގާމުންނާއި ބޯޑް މެމްބަރުކަމުން އިސްތިއުފާ ދެއްވީ ކަމަށް ޒިޔާދުވަނީ ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުން ފެށިގެން ނިއުގެ ބައެއް ކުޅުންތެރިންނަށް ވަނީ މުސާރަ ނުލިބިގެން އެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފައެވެ. އެކަމަކު ޖެނުއަރީ މަހު ކުއްލި ގޮތަކަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިއު ސަސްޕެންޑްކުރީ، އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިއު އިން އެދެން ތައްޔާރުވަނިކޮށެވެ. އެހެންވެ ނިއު އިން ތުހުމަތުކުރަނީ، އެއީ އެކަމާ ގުޅިގެން އެޅި ޒާތީ ފިޔަވަޅެއް ކަމަށެވެ. ސަބަބަކީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެފްއޭއެމް އަށް ހުށަހަޅައި އޭގެ ތެރޭގައި ނިއު އަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް ހުއްޓާ އެ ކްލަބަށް ހަމައެކަނި އަދަބު ދިނުމެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބެވެ.
New Radiant Sports Club