News

ވިކްޓްރީގެ ފަރިތަކުރުންތައް މިރޭފަށަނީ

20 މެއި 2019






ވިކްޓްރީ ސްޕޯޓްސްގެ ފަރިތަކުރުންތަށް މިރޭ ފަށަން ނިންމާފައިވާކަމަށް އެކްލަބުގެ ވައިސް ޗެއާމަން އަހްމަދު މައުރޫފު (މާއްޓެ) ވިދާޅުވެއްޖެއެެވެ.

މާއްޓެ ވިދާޅުވީ ކޯޗެއްގެ ގޮތުގައި ވިކްޓްރީގެ ޓީމުން މިފަހަރު ފެނިގެންދާނީ އެފްއޭއެމްގެ ޓެކްނިކަލް ހެޑްގެ ގޮތުގައި އަދި ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީކަންވެސް ކޮށްފައިވާ ކޯޗް މުހައްމަދު އާދަމްއެވެ. 

ވިކްޓްރީ ސްޕޯޓްކުލަބާއި އެފްއޭއެމް އާއި ދެމެދު ވަނީ ދާދިފަހުން ވަރަށް މައްސަލަ ގޯސްވެފައެވެ. ވިކްޓްރީ އިސްވެ އޮވެ 12 ކްލަބެއްގެ ސޮޔާ އެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ހުށަހެޅީ އެ އެސޯސިއޭޝަނުގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށާއި އަސާސީ ގަވާއިދު އިސްލާހުކޮށް އަލުން އިންތިހާބެއް ބާއްވަން ނޯމަލައިޒޭޝަން ކޮމިޓީއެއް ނެގުމަށެވެ.

ނަމަވެސް ވިކްޓްރީން އެދުނު ގޮތަށް، އެމުއްދަތުގައި އެފްއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިނުދިނުމުން ކްލަބްތަކުން އަމިއްލަ އަށް އެ ކޮންގްރެސް ބާއްވަން މަސައްކަތްކުރި އެވެ. ނަމަވެސް ފަހު ވަގުތު ފީފާ އާއި އޭއެފްސީގެ މަންދޫބުންތަކެއް ރާއްޖެ އައިސް ކްލަބްތަކާ ވާހަކަދެއްކުމަށް ފަހު އެންގީ ތިން ކްލަބަކުން ނަން އަނބުރާ ގެންގޮސްފައިވާތީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން ޖެހޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަކި ކުރަން ކުރި މަސައްކަތް ވިކްޓްރީ ސްޕޯޓްސްއަށް ނާކާމިޔާބުވީ ހިސާބުން ވިކްޓްރީގެ އަޑު މަޑު ވެގެންދިޔައެވެ.

މިއަހަރުގެ ސީޒަން ފަށާމެޗްގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއާއި ޕްރިމިޔަ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޗެރިޓީ މެޗް ކުޅޭނީ ދެލެގަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނޑުގައެވެ.

 

Dhivehi Premier League Victory Sports Club

Leave a Comment:

Comments will be published after moderation.