News

ނިއުރޭޑިއަންޓްގެ ޖާގައަށް އިތުރުޓީމެއް ނުގެންނާނަން: އެފްއޭއެމްގެ ރައީސް

20 މެއި 2019






ނިއުރޭޑިއަންޓަށް ލިބިފައިވާ ޖާގައަށް ނިއުރޭޑިއަންޓުގެ ބަދަލުގައި އެހެން އެއްވެސް ކްލަބެއް ދިވެހި ޕްރިމިއާ ލީގަށް އެފްއޭއެމްއިން ނުގެންނާނެ ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވެއްޖެއެވެ.

 އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނިއުގެ ޖާގައަށް އިތުރު އެއްވެސް ކްލަބެއް އެފްއޭއެމް އިން ނުގެންނާނެ ކަމަށެވެ. ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި އެފްއޭއެމްއިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ އެ ޓީމަށް މި އަހަރު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށެވެ.

 ނިއުގެ ބަދަލުގައި އެ ޖާގައިގައި މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ކްލަބް ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނުން ފެނިދާނެ ކަމަށް މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބައްސާމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިއުގެ ބަދަލުގައި ޓީމެއް ނުގެންނާނެ ކަމަށެވެ.

ފުރަތަމަ ޑިވިޝަންގައި މި ފަހަރު ވާދަކުރަނީ ޖުމްލަ 9 ޓީމެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ، މާޒިޔާ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ވިކްޓަރީ، ށ. ފޯކައިދޫ، ފ. ނިލަންދޫ އަދި މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ނިލަންދޫ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބު ފިޔަަވައި އެހެން ހުުރިހާޓީމެއްވަނީ މި ސީޒަނަށް ފަރިތަކުރުންތައް ފަށާފައެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޗެރިޓީ މެޗް ކުޅޭނީ ދެލެގަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނޑުގައެވެ.



Leave a Comment:

Comments will be published after moderation.