News
ވޮލީ 23 އަހަރުން ދަށުގެ ޤައުމީ އަންހެން ޓީމުގެ ސްކޮޑް އިއުލާންކޮށް ފަރިތަކުރުންތައް ފަށައިފި
16 މެއި 2019
ޖުލައި މަހުގެ 11 ވަނަ ދުވަހު ވިއެޓްނާމުގައި ފަށާ 23 އަހަރުން ދަށުގެ ވޮލީ ޤައުމީ އަންހެން ޓީމުގެ އަންހެން ޓީމްގެ ސްކޮޑް އިއުލާންކޮށް އެމުބާރާތަށް ޓީމް ތައްޔާރު ކުރުމުގެ ފަރިތަކުރުންތަށް ފަށައިފިއެވެ.
މި މުބާރާތުގައި ރާއްޖެއާއި އެއް ގްރޫޕެއްގައި އޮތީ ތައިލެންޑް، އޮސްޓްރޭލިޔާގެ އިތުރުން ކޮރެއާ އެވެ. ރާއްޖޭގެ ޓީމާއި ބަލާފަ ދެން އެގްރޫޕުގައި ހިމެނޭ އަނެއް ތިން ޓީމަކީވެސް ވޮލީގައި ވަރުގަދަ ޓީމްތަކެވެ.
މިމުބާރާތާއި ބެހޭގޮތުން 23 އަހަރުން ދަށުގެ ޓީމްގެ ހެޑް ކޯޗް ހަސަން އަގުލީމް ބޯޅަ އެމްވީއަށް މައުލޫމާތު ދެމުން ބުނީ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމްގެ އެންމެ މަގިގަނޑު މަގުސަދަކީ ކުޅުންތެރިންނަށް އިންޓަރނޭޝަނަލް މެޗްތައް ކުޅުމުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނުން ކަމަށެވެ.
ހަސަން އިތުރަށް ބުނީ 23 އަހަރުން ދަށުގެ ޓީމެކޭ ބުނިކަމަށް ވިޔަސް މިފަހަރުގެ ޓީމުގައި ގިނަ ކުދިންގެ އެވްރެޖް އުމުރަކީ 15 އަހަރާއި 20 އަހަރު ކަމަށެވެ. އަދި ގިނަ ކުދިންނަކީ އަލަށް ވޮލީ ކުޅެން ފެށި ކުދިން ކަމަށެވެ.
އެހެން ކަމުން މިކުޅުންތެރިންނަށް ގިނަ ތަޖްރިބާ ދަތުރުތަކެއް ލިބޭކަމުގައި ވާނަމަ ސީނިޔާ ޓީމުން އަވަސް މުސްތަގުބަލެއްގައި ފެންނާނެ ގިނަ ކުޅުންތެރިން 23 އަހަރުންދަށުގެ ޓީމުގައި ހިމެނޭކަމަށް ހަސަން ބުންޏެވެ.
" މިޓީމުގައި ހިމެނޭ ގިނަ ކުދިންނަކީ މުޅިން އަލަށް ކުޅޭ ކުދިން. މިކުދިންނަށް ބޭނުންވަނީ ތަޖްރިބާ މެޗްތަކެއް. މިޓީމުގައި މިއުޅޭ ގިނަ ކުދިންނަކީ ސީނިޔާރ ޓީމުން ފެންނާނެ ކުދިން. އެހެންވީމަ އެކުދިންނަށް ވަރަށް މުހިއްމު އިންޓަރނޭޝަނަލް ތަޖްރިބާ" ހަސަން ބުންޏެވެ.
23 އަހަރުން ދަށުގެ ޤައުމީ ޓީމްގެ ހެޑް ކޯޗަކީ ހަސަން އަގްލީމްއެވެ. އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ އަންހެން ވޮލީގެ ކާމިޔާބު އެއްކޯޗް ކަމަށްވާ ސޮފްވާން އަހްމަދުގެ އިތުރުން އާއިދާ އަބްދުލް ހަކީމްއެވެ. މިޓީމުގެ މެނޭޖަރަކީ ރާއްޖޭގެ މައްޝޫރު ވޮލީ ކޯޗް އިބްރާހިމް ޖަލީލް (ޖައްލަ) އެވެ.