News

އެފްއޭއެމް އިން ލިބެންޖެހޭފައިސާ ނުލިބޭތީ ކްލަބްތަކުގެ ކަންބޮޑުވުން އެފްއޭއެމްއަށް

14 މެއި 2019






ސީޒަން ފެށެން މިހާ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެފްއޭއެމް އިން ލިބެންޖެހޭ ފައިސާ ނުލިބޭތީ ގިނަ ކްލަބްތަކުން ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ.


މިސީޒަން ހުޅުވާ މެޗްގައި އެއްކޮޅުން ބައްދަލުކުރާ ފޯކައިދޫ އެފްސީގެ މެނޭޖަރ އަހްމަދު އާސިފް ބޯޅައެމްވީއަށް ވިދާޅުވީ އަތޮޅުތެރެއިން ޕްރިމިޔަރ ލީގަށް ކޮލިފައި ވެފައިވާ ކްލަބަކަށް ވާތީ އެފްއޭއެމް އިން ފައިސާ ނުލިބޭތީ ކްލަބަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ލާންޖެހިފައިވާކަށެވެ.
" މާލޭގެ ކްލަބްތަކާއި ޚިލާފަށް އަޅުގަނޑުމެންނަކީ އަތޮޅުތެރެއިން ކޮލިފައިވިބައެއް ޕްރިމިޔަރ ލީގަށް. ގިނައިން ޓީމުގައި ތިބީ ރައްރަށުގައި ދިރިއުޅޭކުދިން. ޕްރެކްޓިސްތައް މިއޮންނަނީ މާލޭގައި. އެހެންވީމަ މާލޭގައި އެކުދިންގެ އެކަމަޑޭޝަން ކަހަލަ ކަން ކަން ހަމަޖައްސަން ބޮޑެތި ދަތިތަކެއް އެބަހުރި. އަޅުގަނުމެންގެ އެދުމަކީ އެފްއޭއެމްއިން ކްލަބްތަކަށް ދޭން އެއްބަސްވެފައިވާ ފައިސާ ވީހާވެސް އަވަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން" އާސިފް ވިދާޅުވިއެވެ.
ބޯޅައެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒް(ޖަވާ) ވިދާޅުވީ އެފްއޭއެމް އަށް އޭއެފްސީން ދޭ ފައިސާ އަދި ލިބިފައި ނުވާކަމަށެވެ.
" އެއްވެސް ކްލަބަކަށް އަދި އެފްއޭއެމް އިން ފައިސާއެއް ނުދެން. އަދި އަޅުގަނޑުމެން މިއުޅެނީ އޭއެފްސީގެ ފައިސާ ނުލިބިގެން. އެހެންވެ ކްލަބްތަކަށްވެސް ފައިސާ ނުދެވިގެން މިއުޅެނީ." ޖަވާ ވިދާޅުވިއެވެ.
މިއަހަރުގެ ފުޓުބޯޅަ ސީޒަން އަންނަ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ކްލަބްތަކަށް އެފްއޭއެމް އިން ލިބެންޖެހޭ ފައިސާ ނުލިބޭތީ ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ގިނަ ކްލަބްތަކުން ދަނީ ބުނަމުންނެވެ.
މިއަހަރުގެ ސީޒަން ފަށާމެޗްގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއާއި ޕްރިމިޔަ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނޑުގައެވެ.



Leave a Comment:

Comments will be published after moderation.