News
އެފްއޭއެމް އިން އަދި އެއްވެސް ކްލަބަކަށް ފައިސާއެއް ނުދެން: ޖަވާ
14 މެއި 2019
ފުރަތަމަ ޑިވިޝަންގެ އެއްވެސް ކްލަބަކަށް އެއްފޭއެމް އިން އަދި ފައިސާ ދީފައި ނުވާނެކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް(ޖަވާ) ވިދާޅުވެއްޖެއެވެ.
ބޮޑު ހަތަރު ކްލަބަކަށް އެފްއޭއެމް އިން ފައިސާދީފައިވާ ކަމަށް ފެތުރޭ ޚަބަރާއި ގުޅިގެން ބޯޅައެމްވީ އަށް މައުލޫމާތު ދެއްވަމުން ޖަވާ ވިދާޅުވީ އެވާހަކަ އަކީ ކަނޑައެޅިގެން ދޮގެއްކަމަށާއި އެފްއޭއެމް އިން އެއްވެސް ބަޔަކަށް އަދި މިހާތަނަށް މިސީޒަނުގެ ފައިސާ ދީފައި ނުވާނެކަމަށެވެ. ޖަވާ ވިދާޅުވީ އެފްއޭއެމް އަށް އޭއެފްސީން ދޭ ފައިސާ އަދި ލިބިފައި ނުވާކަމަށެވެ.
" އެއްވެސް ކްލަބަކަށް އަދި އެފްއޭއެމް އިން ފައިސާދީފައެއް ނުވާނެ. އެއީހަމަ ކަނޑައެޅިގެން ދޮގެއް. އަދި އަޅުގަނޑުމެން މިއުޅެނީ އޭއެފްސީގެ ފައިސާވެސް ނުލިބިގެން. އެހެންވެ އަދި ކްލަބްތަކަށްވެސް ފައިސާ ނނުދެވިގެން މިއުޅެނީ." ޖަވާ ވިދާޅުވިއެވެ.
މިއަހަރުގެ ފުޓުބޯޅަ ސީޒަން އަންނަ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ކްލަބްތަކަށް އެފްއޭއެމް އިން ލިބެންޖެހޭ ފައިސާ ނުލިބޭތީ ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ގިނަ ކްލަބްތަކުން ދަނީ ބުނަމުންނެވެ.
މިއަހަރުގެ ސީޒަން ފަށާމެޗްގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއާއި ޕްރިމިޔަ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނަޑުގައެވެ.
DPL2019-20 އެފް.އޭ.އެމް