News
ގްރާސްރޫޓްސްގެ ކުރިމަގު ވަރަށް އުޖާލާ – ޑުންގާ
13 މެއި 2019
ފަހަކަށް އައިސް ކުޑަކުދިންނަށް އަމާޒުކޮށްގެން އެފް.އޭ.އެމްއިން އިސްނަގައިގެންނާއި އެހެނިހެން ކްލަބްތަކާއި އެކެޑަމީތަށް ގުޅިގެން ބާއްވާ ހަރަކާތްތަށް އަންނަނީ އިތުރުވަމުންނެވެ. މީގެ ތެރެއިން އެފް.އޭ.އެމްއިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކާއި ބެހޭގޮތުން މަޝްހޫރު ކޯޗް އަދި އެފް.އޭ.އެމްގެ ގްރާސްރޫޓްސް ހަރަކާތްތައް ކުރިއަށް ގެންދިޔުމާއި ހަވާލުވެ ހުންނަވާ އަހްމަދު ޝަރީފް (ޑުންގާ) ވަނީ ބޯޅަ.އެމްވީއާ މައުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން ބަލާލާއިރު އެޕްރީލް 30ވަނަ ދުވަހު އައްޑޫގައި އަދި އޭގެ ދުވަސްކޮޅެއް ކުރިން މާލޭގައި ކުރިއަށް ދިޔަ އޭ.އެފް.ސީ ގްރާސްރޫޓްސް ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑުންގާ ވިދާޅުވިގޮތުގައި އެ ހަރަކާތްތައް ވެގެންދިޔައީ ދިވެހި މުޖުތަމައުއިން ބަލައިގަންނަ، އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ހަރަކާތްތަކަކަށެވެ. އެގޮތުން މާލޭގައި ގްރާސްރޫޓްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ގްރޭޑް 1 އިން ދަށުގެ އުމުރުފުރައާއި ގްރޭޑް 1ން މަތީގެ އުމުރުފުރާގެ ގާތްގަނޑަކަށް 1200 ކުދިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް ހިމެނެއެވެ.
ހުސް އަންހެން ކުދިންނާއެކު އައްޑޫގައި ބޭއްވި ހަރަކާތުގައި 200 ކުދިން ވަނީ ބައިވެރިވެފައެވެ. މިހަރަކާތް ވެގެން ދިޔައީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހުސް އަންހެން ކުދިން ބައިވެރިވެގެން ބޭއްވުނު އެންމެ ތަރުހީބު ބޮޑު އެއް ފުޓުބޯޅައިގެ ހަރަކާތަށެވެ. މީގެ އިތުރުން ދާދިފަހުން މާލޭގައި ފެށި އަންހެން ކުދިންގެ އެކެޑަމީގައި 6 އަހަރާއި 13 އަހަރާއި ދެމެދުގެ 70 ވަރަކަށް ކުދިން ބައިވެރިވަމުން އަންނަކަން ޑުންގާވަނީ އުފަލާއެކު ފާހަގަ ކޮށްފައެވެ. މީގެއިތުރުން ފިތުރު ޢީދަށްފަހު ގަލޮޅު ދަނޑުގައި އެފް.އޭ.އެމްގެ އަހަރީ ދުވަހާއި ދިމާކޮށް ގްރޭޑް 2 އަކުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށްގެން ދެދުވަހުގެ ގްރާސްރޫޓް ހަރަކާތެއް ހިންގުމާބެހޭގޮތުން މަޝްވަރާކުރެވެމުން އަންނަކަމަށްވެސް އަހްމަދު ޝަރީފްވަނީ ވިދާޅުވެފައެވެ.
ހަތަރު ހިސާބެއްގައި ގްރާސްރޫޓްސް ކޯޗުން ތަމްރީންކުރުމުގެ ކޯސްތަށް ހިންގުމަށް ހަމަޖެހިފައިވާއިރު އެފް.އޭ.އެމްއިން އަމާޒު ކަނޑައަޅާފައިވަނީ 2019 ނިމޭއިރު މާލެ ފިޔަވާ 8 ހިސާބެއްގައި ގްރާސްރޫޓްސް ޕްރޮގްރާމްތައް އެފް.އޭ.އެމްގެ ބެލުމުގެ ދަށުން ހިންގުމެވެ. އެގޮތުން ދާދިފަހުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ފުޓުބޯޅަ ކުރިއެރުވުމުގެ ހަރަކާތްތަކާއި މަސައްކަތްތަކެއް ރާވާ ހިންގުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. މިއީ އެފް.އޭ.އެމް އަދި ފީފާ ގުޅިގެން ދުރުރާސްތާ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއްކަން ފާހަގަކޮށްލަންޖެހެއެވެ. ލ.ފޮނަދޫ، ބ.އޭދަފުށި އަދި ޏ.ފުވައްމުލަކުގައި މިވަގުތު ކުރިއަށް ގެންދާ މި މަޝްރޫއުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޑުންގާ ވިދާޅުވިގޮތުގައި ކޮންމެ އަތޮޅެއްގައިވެސް 13 އަހަރުން ދަށާއި، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ 30 ކުޅުންތެރިން ހިމެނޭ ޓީމެއް ވަރަށް ކާމިޔާބުކަމާއެކުވަނީ ހޮވާލެވިފައެވެ. ކޮންމެ އަތޮޅެއްގައި 5 ކޯޗުން ހަރަކާތްތެރިވާއިރު މިއިން ކޮންމެ 30 ކުދިންގެ ޓީމެއްގައި 2 ނުވަތަ 3 ގޯލްކީޕަރުން ހިމެނޭނެއެވެ. މި ކުދިންނަށް ހަފްތާއަކު ތިން ދުވަހު ފަރިތަކުރުންތައް ބޭއްވޭނެއެވެ. ޑުންގާ ފާހަގަކުރި ގޮތުގައި އެފް.އޭ.އެމްގެ އަމިއްލަ ދަނޑުތައް އަތޮޅުތެރޭގައި ނެތުމަކީ ފަރިތަކުރުންތައް މަދުވެގެންދާ މައިގަނޑު އެއް ސަބަބެވެ. އަމިއްލަ ފަރާތެއް ނުވަތަ ރަށުގެ ގިނަ ރައްޔިތުންގެ ހިއްސާ އެދަނޑުތަކުގައި ހިމެނޭއިރު ރަށު ރައްޔިތުންވެސް އޭގެ ބޭނުން ހިފުމަށް އެއްވެސް ހުރަހެއް ނޭޅުމަށް އެފް.އޭ.އެމްއިން މަސައްކަތް ކުރާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. މި އަތޮޅުތަކުގެ އިތުރުން ނ.އަތޮޅުގައި ގްރާސްރޫޓްސް މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެފް.އޭ.އެމްއިންދަނީ މަސައްކަތް ކުރަމުންނެވެ.
މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމަށް މަސައްކަތް ކުރަމުންދާއިރު ހުރި ދަތިތަކަށް ރިއާޔަތްކޮށް ވާހަކަ ދައްކަމުން ޑުންގާ ވިދާޅުވެފައިވަނީ ބޮޑު ގޮންޖެހުމަކީ ރާއްޖެ އުފެދިފައި ގޮތް ކަމަށެވެ. ނަމަވެސް މުޅި ޤައުމުގެ ހުރިހާ ހިސާބެއް ހިމެނޭފަދަ މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ. މިއީ މާގިނަ ދަތުރުތަކެއް ނުކޮށް ކޮންމެވެސް އެއް ރަށެއްގައި ތިބެގެން ކުޅެވޭފަދަ ގޮތަކަށް ބޭއްވިގެންދާނެ މުބާރާތެކެވެ.
އައްޑޫ އަދި ފުވައްމުލަކުގައި ވަރަށް ފަހުން އެފް.އޭ.އެމް ސީ ސެޓްފިކޭޓް ކޯސް ފުރިހަމަ ކުރި ބައިވެރިން އެ އަތޮޅުތަކުގެ އެކަޑަމީތަކުގައި ކޯޗުންގެ ގޮތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިކަމާ ބެހޭގޮތުން ޑުންގާ ވިދާޅުވީ، "ވަރަށް އުފާވާ ކަމެއް މިއީ އެ ކޯސްތައް ފުރިހަމަ ކުރި ބައިވެރިން ގްރާސްރޫޓްސް ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވުމަކީ. ރާއްޖޭގައި މިހާރު އެކަޑަމީތަކުގެ އަދަދު މިދަނީ ގިނަވަމުން. ހާއްސަކޮށް މާލެ ނޫން މިފަދަ ކޯޗިން ކޯސްތައް ހިންގުނު ހިސާބުތަކުގައި އެކަޑަމީތައް ހިންގާލޭ ގިނަ. އެގޮތުން ކުޅުދުއްފުށީގައި ތިން އެކަޑަމީ، ފުވައްމުލަކުގައި ދެ އެކަޑަމީ އަދި އައްޑޫގައިވެސް އެކަޑަމީއެއް ހިންގުމަށް ދަނީ ތައްޔާރުވަމުން." އަމިއްލަ ފަރާތްތަކުންވެސް މިފަދަ އެކަޑަމީތަށް ހިންގުމަކީ ދިވެހި ފުޓުބޯޅައަށް ލިބޭ ބޮޑު ކުރިއެރުމެއްކަން އޭނާވަނީ ފާހަގަ ކޮށްފައެވެ.
ގްރާސްރޫޓްސް ޕްރޮގްރާމްގެ ކުރިމަގާ ބެހޭގޮތުން ސުވާލުކޮށްލުމުން ބޯޅަ.އެމްވީއަށް ޖަވާބުދެމުން ޑުންގާ ވިދާޅުވެފައިވަނީ، "މިއީ 'ސްކޫލް އޮފް ލައިފް'. ވާހަކައަކީ ކުދިންނަށް ސްކޫލުން ބޭރުން ދެވެން ޖެހޭ ހުރިހާ ކަމެއް ހިމެނޭ ޕްރޮގްރާމެއް މިއީ. އަހަރެން ޤަބޫލުކުރާގޮތުގައި ރަނގަޅު ކޯޗެއް ކައިރިން ޓްރެއިންވާ ކުއްޖާ ވެގެން ދާނީ މުޖުތަމައުއަށް ނެރެން ރަނގަޅު، ބާކީވެގެން ނުދާނެ، ސޯޝަލައިޒްވުން ރަނގަޅު ވަރުގަދަ 'ފިގަރ' އަކަށް. އެކުދިން ދަސްކުރާނެ 'ރެސްޕެކްޓް' ، 'ފީލިންގސް' ، 'އޮނަރ' ފަދަ މުހިންމު އެތަށް 'އެތިކްސް'އެއް. ކުރީގައިވެސް މި ޕްރޮގްރާމް ހިންގި އިރު މިކަން ވަނީ ފެނިފަ. މި ޕްރޮގްރާމް ހުއްޓުމަކަށް އައިފަހުން އަހަރެމެންނަށް ކުދިން މި ނެގެނީ މާ ލަހުން. އެކަމުގެ ސަބަބުން އެކުދިންގެ 'ޑިސިޕްލިން'ގެ މުހިންމު އެތައް ކަމެއް އަކަރެމެންގެ އަތްމަތިން ދޫވެގެންވަނީ ގޮސްފައި. އެއީ އޭރު ހީވެފައި އޮތީ ގްރާސްރޫޓްސް މިއީ މުހިންމު ކަމެއް ނޫނޭ. ނަމަވެސް އެވިސްނުން ފަހަކަށް އައިސް ވަރަށް ބޮޑަށްވަނީ ބަދަލުވެފައި."
ސްކޫލްތަކާއި ކޮމްޕެނީތަކުން ގްރާސްރޫޓްސްގެ ޓްރެއިނިންގ ހޯދުމަށް އެދެމުން އަންނަ ކަމަށާއި އެފަދަ ސެމިނަރތަކާއި ކޯސްތައް މުދައްރިސުންނަށް ހާއްސަކޮށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ވަރަށް ބައިވަރު ފަރާތްތަކުން އެދެމުން އަންނަކަން ބޯޅަ.އެމްވީއާ އޭނާ ދައްކަވަމުންދިޔަ ވާހަކަތައް ނިންމާލަމުންވަނީ ފާހަގަ ކޮށްފައެވެ. މިއީ ބޮޑުވަމުން އަންނަ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައުއަށް ނެރުމަށް ލިބިގެންދަ ރަނގަޅު ފުރުސަތެއްކަން ފާހަގަ ކުރަމުން ޑުންގާ ބުނުއްވީ މި ޕްރޮގްރާމްގެ ކުރިމަގު ވަރަށްވެސް އުޖާލާ ކަމަށެވެ.
Towards Future