News
އަލީ އަޝްފާގް (ދަގޭ)ގެ ޑިސިޕްލިން ނެތޭ ބުނެވޭނެތަ؟
11 މެއި 2019
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (އަޔަން މޭން ނުވަތަ ދަގޭ) އަކީ އޭޝިއާގެ ފުޓުބޯޅަ ބަލާ އަދި ސަޕޯޓްކުރާ ފަރާތް ތަކަށް އައު ނަމަކަށް ނުވާނެއެވެ. ދުނިޔޭގެ އެންމެ ގިނަ އިންޓަރނޭޝަނަލް ލަނޑު ޖަހާފައިވާ ކުޅުންތެރިންނާއި އެންހަމައެއްގައި ފައިތިލަ ސާބިތުކޮށްފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. އަދި އަދަށްދާން ދެންވެސް ދަގޭ ފަދަ ހުނަރުވެރި ކުޅުންތެރިއެއް ރާއްޖޭގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާވަނީ ނިމިދިޔަ ފުޓުބޯޅަ ސީޒަނުގައި އެކަން ސާބިތުކޮށްދީފައެވެ.
މިހާރު އުމުރުން 30ގެ އަހަރުތައް ގުނަމުންދާ އަލީ އަޝްފާގް (ދަގޭ) ވަނީ ޒުވާން އެތަށް ކުޅުންތެރިންނަކާއި ވާދަކޮށް "މިހާރު" ނޫހުން ހޮވާ އަހަރުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. ރާއްޖޭގެ ޓީމް އެންމެ ފުރަތަމަ ރަން މެޑަލް ހޯދި ޓީމުގައި ދަގޭގެ ހިއްސާ ވަރަށްވެސް ބޮޑެވެ. އަދި ގައުމަށް ރީތި ނަން ހޯދި ކޮންމެ ފަހަރަކުވެސް ދަގޭ ވަނީ އޭނާގެ ކުޅަދާނަކަށް ދައްކުވައިދީފައެވެ. އަދިވެސް ފަނޑު ވުމެއް ނެތި ދަގޭ ދަނީ ޒުވާން ކުޅުންތެރިންނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރަމުންނެވެ.
މިހާހިސާބުން އުފެދޭ ސުވާލަކީ މިކަންކަން މިހެން އޮތްއިރުވެސް ދަގޭއަށް ޤައުމީ ޓީމުން ފުރުސަތު ގެއްލުނީ ކީއްވެގެން ބާއެވެ؟ މިކަން އެންމެ ހޫނުވެގެން ދިޔައީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ނެގި ޓީމުގައި ދަގޭ ނުހިމެނުމުންނެވެ.
ޤައުމީ ޓީމުގެ ކޯޗް އަދި އެފްއޭއެމް އިން އޭރު މީޑިޔާއަށް ދީފައިވާ ޖަވާބަކީ ޓީމަށް ސަތޭކަ ޕަސެންޓް ނުދޭ އެއްވެސް ކުޅުންތެރިޔަކު ޓީމުގައި ހިމަނަން ކޯޗް ބޭނުންނުވާކަމަށާއި އަދި ޒުވާން ކުޅުންތެރިންނަށް ގައުމީޓީމް ފުރުސަތު ދޭން ބޭނުންވާތީ ދަގޭ ނުހިމެނީކަމަށެވެ.
އޭރު ފުޓުބޯޅައިގައި ހަރަކާތް ތެރިވާ ބައެއް ފަރާތް ތަކުންނާއި ބައެއް ސަޕޯޓަރުން ދަގޭއާއި ބެހޭގޮތުން ކޮށްފައިވާ ކޮމެންޓްތައް އަޅުގަނޑުވެސް ކިޔާލީމެވެ. ކޮމެންޓްތަކުގައި ބައެއް މީހުން ފާހަގަ ކޮށްފައިވަނީ ތުންތުން މަތިން އަބަދުވެސް އަޑު އިވޭ އަޑުތަކެކެވެ. ދަގޭގެ ޑިސިޕްލިން ގޯސްކަމަށާއި ޓީމުގައި އޭނާގެ ނުފޫޒު ގަދަވާހަކަ އަދި ކުރީގެ ކުޅުން މިހާރު ނުދެއްކޭ ވާހަކައެވެ. މި އާޓިކަލް ލިޔުމުގެ މައިގަނޑު މަގުސަދަކީ މިހާ ދުވަސްވަންދެން މިދެކެވެނީ ކިހާވަރެއްގެ ހަގީގަތެއް ހުރިވާހަކައެއްތޯ ބަލާ އެކަމުގެ ހަގީގަތް ފުޓުބޯޅައަށް ސަޕޯޓްކުރާ މީހުންނާއި ހަމައަށް ގެނެސްދިނުމެވެ.
ނުގެނެސް ދޭންވީ ސަބަބެއްވެސް ނެތެވެ. ރާއްޖޭގަ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމު އެތައް ދުވަހެއް ވަންދެންކޮށް މިހާރު ރިޓަޔާ ކުރަން ތައްޔާރުވަމުންދާއިރު "ހަޑި" ގޮތަކަށް ރިޓަޔާ ވާން ދޫކޮށްލުމަކީ މިހާރު ތިބި ޒުވާން ކުޅުންތެރިންނަށް ވެސް އޮތް ބޮޑު ގޮންޖެހުމަކަށްވާނެއެވެ.
މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ގައުމަށް ރީތިނަން ހޯދައި ދީފައިވާ ބައެއް ކުޅުންތެރިންގެ ކެރިޔާ ނިންމާލާފައިވަނީ އެހާ ހިތްގައިމުގޮތަކަށް ނޫނެވެ. މިސަގާފަތް މިގޮތަށް ބާއްވާނީތޯ ނުވަތަ އެކުޅުންތެރިން އިޙްތިރާމާއި އެކު ރިޓަޔާ ކުރަން ފުރުސަތު ދޭންޖެހޭކަމަށް ނިންމާނީ ކިޔުންތެރިންނެވެ.
އަލީ އަޝްފާގް (ދަގޭ) އޭކިޔާފައި ދެކެވޭ ބައެއް ވާހަކަ ތަކުގެ ތެދު ދޮގު ހޯދުމަށްޓަކައި އޭނާއާއި އެކު މަސައްކަތް ކޮށްފައިވާ ބައެއް ކޯޗުންގެ އިތުރުން ޓީމްތަކުގެ މެނޭޖަރުންނާއި ވާހަކަ ދައްކާލީމެވެ. އެމީހުންގެ ވާހަކަ ތަކުން އެނގުނުގޮތުގައި ދެކެވޭ ވާހަކަތަކާއި ކަންހިގާ ގޮތް ހާސްބައި ތަފާތެވެ. މިގޮތުން ގައުމީޓީމްގެ މެނޭޖަރުކަން ކޮށްފައިވާ މިހާރު ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފު ވިދާޅުވީ މީހުން ދައްކާ އެވާހަކަ ތަކަކީ ދަގޭ އާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ބަޔަކު ދައްކާ އެއްވެސް ތާކުން ތާކު ނުޖެހޭ ވާހަކަތަކެއްކަމަށެވެ.
" އަހަރެން ގައުމީ ޓީމާއި ހަވާލުވި އިރު އަހަންނަށް އަޑުއިވިފަ އޮންނަނީ އަޝްފާގް މެނޭޖަރުންނަށް އުނދަގޫކުރާ ވާހަކަ އާއި ޖޫނިޔާ ކުޅުންތެރިންނަށް ސަޕޯޓް ނުދޭ ވާހަކަ އާއި ޑިސިޕްލިން ގޯސްވާހަކަ. އެކަމަކު އަހަންނަށް ފެނުނީ މުޅިން ތަފާތު ދަގޭ އެއް. ސައުތުކޮރެއާ އަށް ދިޔަފަހަރު އަހަރެންގެ ކޮޓަރިއާއި ޖެހިގެން ދަގޭގެ ކޮޓަރި ހުރީ، މުބާރާތް ނިމިގެން އައި އިރުވެސް ދޮރުގަ ޓަކީވެސްޖަހާނުލާނެ. އަދި ޓީމް ޕްރެކްޓިސްގެ އިތުރުން އިވެންޓްތަކުގައި އެންމެ ކުރިން އެބުނާގަޑިޔަކަށް އެބުނާތަނަކަށް ހާޒިރުވާނީ އޭނަ" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ދަގޭއަށް ގައުމީ ޓީމުން ފުރުސަތު ނުދޭންޖެހޭ ހަމަ އެއްވެސް ސަބަބެއް ނުވިސްނޭކަމަށެވެ. ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރި ނުމަކީ ޑިސިޕްލިން ގޯސްކަމަށް ކަނޑައެޅޭނެ އެއްވެސް ހުއްޖަތެއް ނޫންކަމަށްވެސް ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ ބައެއް ކުޅުންތެރިންނަކީ މީޑިޔާ އާއި ކުރިމަތިލާން ބޭނުންވާ ބައެއް ނޫންކަމަށާއި އެފަދަ މީހުންނަށްވެސް އިޙްތިރާމް ކުރަން ޖެހޭނެކަމަށެވެ.
ރާއްޖޭގެ އެހެން ކުޅުންތެރިންނާއި ޚިލާފަށް ދަގޭއަކީ ރާއްޖެއިންބޭރުގެ ކުލަބްތަކަށް ކުޅެ މޮޅުކުޅުމެއް ދައްކައިދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ދަގޭ ވަނީ ބުރުނާއީގެ ކުލަބެއްކަމަށްވާ ޑީޑީއެމްއެމް އެފްސީ އަދި މެލޭޝިޔާގެ ޕީޑީއާރްއެމްއަށް ކުޅެފައެވެ. ޑީޑީއެމްއެމް އެފްސީގެ ކޯޗް ބޯޅައެމްވީ އަށް މައުޅޫމާތު ދެއްވަމުން ވިދާޅުވީ "ދަގޭއަކީ ވަރަށް ރަނގަޅު، މޮޅު އަދި ހުނަރުވެރި ކުޅުންތެރިއެއް" ކަމަށެވެ. އަދި ދަނޑުމަތީގައިވެސް އެހާމެއަޚްލާގު ރަނގަޅު ލީޑަރެއްކަމަށެވެ. އަދި އޭނާއަކީ މީހުންނާއި ގުޅޭ އެކުވެރި, ކޯޗުންނާއި މެނޭޖަރުންގެ އަޑުއަހާ މޮޅުކުޅުންތެރިއެއްކަމަށްވެސް ޑީޑީއެމްއެމް އެފްސީގެ ކޯޗް ވިދާޅުވިއެވެ.
މީގެ އިތުރުން މެލޭޝިޔާގެ ޕީޑީއާރުއެމްގެ ކޯޗް އަޒްމަން އަދްނާން މެލޭޝިޔާގެ ނޫހެއްކަމަށްވާ ފޯފޯޓޫ އަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވެފައިވަނީ " އަޝްފާގަކީ ސައުތު އޭޝިޔާގެ އެންމެ ހުނަރުވެރި އެންމެ މޮޅު އެއް ކުޅުންތެރިޔާ" ކަމަށެވެ. ފަރިތަކުރުންތަކުގައި އަޝްފާގަކީ އަޚްލާގް ރަގަޅު އަދި ޕްރޮފެޝަނަލް ކުޅުންތެރިޔެއްކަމަށެވެ. އަދި އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ޓީމް ކުޅުންތެރިންނާއި އޮންނަ ގާތްގުޅުންކަމަށެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ދަގޭ އެންމެ ގިނަދުވަހު ކުޅުނު އެއް ޓީމަށް ވާނެއެވެ. އެޓީމުގެ މެނޭޖަރުކަންކޮށްފައިވާ އިބްރާހިމް ޝާޒް ހަބީބް (ޝާޒް) ވިދާޅުވީ ދަގޭ އާއިއެކު މަސައްކަތް ކުރެވުނު އަހަރުތަކުގައި ދުވަހަކުވެސް ޑިސިޕްލިންގެ މައްސަލައެއް ދިމާވެފައި ނުވާކަމަށާއި އަބަދުވެސް އޭނާ ފެނިފައިވަނީ ކުޅުންތެރިންނަށް ހިތްވަރުދޭ ލީޑަރެއްގެ ގޮތުގައެވެ.
މިފަރާތްތަކުގެ ވާހަކަތަކަށް ރިއާއަތްކޮށް އަޅުގަނޑު އެއްޗެއް ނުބުނާނަމެވެ. އަލީ އަޝްފާގް (ދަގޭ) އަކީ އަޚްލާގު ގޯސް ނުވަތަ ރަނގަޅު މީހެއްކަންވެސް ނިންމާނީ ކިޔުންތެރިންނެވެ.
Ali Ashfag (Dhagey) Club Green Streets Maldives National Team