News
ސީޒަން ހުޅުވާ މެޗް ކުޅެން ފޯކައިދޫއަށް ފުރުސަތު ލިބިއްޖެ
9 މެއި 2019
މިއަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވާ މެޗް މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށްޓަށް ލިބުނު ފުރުސަތު ދޫކޮށްލުމުން އެ މެޗުގެ ދައުވަތު މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ށ. ފޯކައިދޫ އަށް އެފްއޭއެމުން ދީފި އެވެ.
ފުޓްބޯޅަ ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމާއި މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދާ ދެޓީމެވެ. މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމަކީ ޓީސީ ސްޕޯޓްސް ކްލަބެވެ. މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުށްޓެވެ.
ފޯކައިދޫގެ މެނޭޖަރ އަހްމަދު އާސިފް ބޯޅަ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ތިމަރަފުށިން ފުރުސަތު ދޫކޮށްލާފައިވާކަން އެފްއޭއެމް އިން އެޓީމަށް އަންގާފައިވާ ކަމަށެވެ. އަދި ފޯކައިދޫ ޓީމް އެމެޗް ކުޅެން ތައްޔާރުތޯ ސުވާލުކޮށްފައިވާކަމަށްވެސް އާސިފް ވިދާޅުވިއެވެ.
" އެފްއޭއެމް އިން ގުޅާފައި ބުނީ ތިމަރަފުށި ފުރުސަތު ދޫކޮށްލާފައިވާކަމަށް. ދެން އަޅުގަނޑުމެންގެ ޓީމް އެމެޗް ކުޅެން ރެޑީތޯ އެހީ. އަދި މި މެޗް ކުޅެނީ ހޯމް އެންޑް އަވޭގެ އުސޫލުން ކަމަށްވާތީ އަޅުގަނޑުމެންގެ ރަށުގެ ދަނޑުގައި ކުޅެވޭވަރަށް ރެޑީވެވޭނެތޯ އެހި. އަޅުގަނޑުމެން މިހާރު އެފްއޭއެމް އަށް ވާނީ ދަންނަވާފައި އަޅުގަނޑުމެން ރެޑީކަން." އާސިފް ވިދާޅުވިއެވެ.
ސީޒަން ހުޅުވާ މެޗުގެ ފުރަތަމަ ލެގު ކުޅެން ރާވާފައިވަނީ ޖޫން ހަތެއްގައި ފޯކައިދޫ ދަނޑުގަ އެވެ. ދެ ވަނަ ލެގު އޮންނާނީ ޖޫން 10 ގައި މާލޭ ގަ އެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ވާދަކޮށް ފޯކައިދޫ ދިޔައީ ހަތް ވަނަ އަށެވެ. ތިމަރަފުއްޓަށް ލީގުގައި ދިމާވި މާލީ މައްސަލަތަކާއި ހެދި އެޓީމް ދިޔައީ ފުލަށެވެ.
ރާއްޖޭގައި މީގެ ކުރިން ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ޑިވިޝަން ފެންވަރުގައި މެޗެއް ކުޅެފައެއް ނުވެ އެވެ. އެކަމަކު ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވަނީ ހދ. ކުޅުދުއްފުށްޓާއި ސ. ހިތަދޫގައި ބޭއްވި އެވެ. ހިތަދޫ ޒޯން ސްޓޭޑިއަމުގައި ކުޅުނު ފައިނަލުގައި ނިއު ރޭޑިއަންޓް ބަލިކޮށް ތަށި ހޯދީ މާޒިޔާ އެވެ.
DPL2019-20 ފޯކައިދޫ ފުޓްބޯޅަ ކްލަބް