News
ދަަގޭ ހުންނަ ޓީމް ތަށިނެގުން ޗޭންޖްވާން ޖެހޭ: ޓީސީ ކޯޗް
7 މެއި 2019
މިދިޔަފަސް އަހަރުތެރޭ ލީގު ނުވަތަ ތަށި ނަގާފައިވަނީ އަލީއަޝްފާގް (ދަގޭ) ހުންނަ ޓީމެއްކަމަށާއި އެކަން ބަދަލުވާން ޖެހޭކަމަށް ޓީސީގެ ކޯޗް މުހައްމަދު އާތިފް (އާތި) ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސީޒަނާއި މެދު ފުރަތަމަ ޑިވިޝަންގެ ކޯޗުންގެ ބަސް ހޯދުމުގެ ގޮތުން ބޯޅަ އެމްވީއިން ކުރިޔަށް ގެންދާ ޚާއްސަ އިންޓަވިޔުގައި އާތި ވިދާޅުވީ އޭނާ ޓީސީއާއި ހަވާލުވުމުގެ ކުރިން އެންމެ ފުރަތަމަ ބެލީ ޓީމުގައި ކުރިން ތިބި ކުޅުންތެރިންގެ ތެރެއިން ކްލަބްގަ މަޑުކުރީ ކޮން ކުޅުންތެރިންތަކެއްތޯކަމަށެވެ. ކަންދިމާކުރިގޮތުން ދަގޭ ހިމެނޭހެން ޓީމުގެ އެންމެ މޮޅު 3 ކުޅުންތެރިން ޓީމާއި ވަކިވެފައިވާކަމަށާއި އެހެންކަމުން އެއީ ވަރަށް ބޮޑު ޗެލެންޖަކަށް ވިކަމަށް އާތި ވިދާޅުވިއެވެ.
" މިދިޔަ 5 އަހަރު ތެރޭގަ ދަގޭއަކީ ކޮންމެ ލީގެއް ނުވަތަ ތައްޓެއް ނެގުމުގައި އިންވޯލްވް ވެފަ ހުރި މީހެއް. ދަގޭ ހުރި ޓީމެއް ތަށި ނަގާފަ ހުރީ. އެހެންނަމަވެސް އެވެސް އެބަޖެހޭ ޗޭންޖްވާން. އެންވީމަ އެއީވެސް ޗެލެންޖެއް" އާތި ވިދާޅުވިއެވެ.
އާތި ވިދާޅުވީ މިދިޔަ އަހަރު ޓީސީ އަށް ލީގު ލިބިފައި ވަނީ އެޓީމުގެ މެނޭޖްމަންޓާއި ކޯޗާއި ކުޅުންތެރިންކުރި ބުރަ މަސައްކަތުންކަމަށެވެ. ޚާއްސަކޮށް ނިޒާމްބެ ޓީސީއަށް ކޮށްދީފައިވާ މަސައްކަތް އާތި ވަނީ ކޮށްފައެވެ.
އާތި ވިދާޅުވީ "އުއްމީދުކުރަނީ ޓީމުގަ ތިބި ކުޅުންތެރިންނާއި މެނޭޖްމަންޓަކީ ޑެޑިކޭޓެޑް ބައެއްކަމަށް. އަހަންނަކީ ޑެޑިކޭޓެޑް މީހެއް." އެހެންކަމުން އުއްމީދުކުރަނީ ރަގަޅު ޗެލެންޖެއް ދެވޭނެކަމަށެވެ. އަދި އުއްމީދަކީ މިދިޔަ އަހަރު ލީގު ނެގިހެން ލީގު ނަގަންކަމަށްވެސް އާތި ވިދާޅުވިއެވެ.
ފުޓުބޯޅައިގެ ނަތީޖާ ކޮންމެ ގޮތަކަށްވެސް ބަދަލުވެގެން ހިގައިދާނެކަމަށާއި ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިން ތިބީ ލީގު ނެގުމުގެ އުއްމީދުގައި ކަމަށް އާތި ވިދާޅުވިއެވެ.
އާތި ވިދާޅުވީ ސާފްޗެމްޕިއަންޝިޕްވެސް ރާއްޖެއަށްނެގެނީ 10 އަހަރުން އެއްފަހަރު ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކުވެސް މުބާރާތަށްދަނީ އަހަރެމެންގެ ފަހަރޭ ބުނެ ތަށި ނަގަންކަމަށެވެ. ރިޕީޓެޑްލީ އެކަން ކުރަން ބޭނުން ވާނަމަ އެއީ ދެގުނަ ނުވަތަ ތިންގުނަ މަސައްކަތް ކަމަށެވެ. އެހެން ކަމުން އެކަން ކުޅުންތެރިންނަށް ވިސްނައިދީފައިވާނެކަމަށް އާތި ވިދާޅުވިއެވެ.
އާތި އަކީ ރާއްޖޭގައި އުފެދުނު މޮޅު ކޯޗންގެތެރޭގައި ގުނާލެވޭ ކޯޗެކެވެ. ގައުމީ އަންހެން ފުޓުބޯޅަ ޓީމު އުފެދި އެޓީމު ޓީމެއްގެ ގޮތުގައި އެކުލަވާލުމަށްޓަކައި އާތި ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.
DPL2019-20 TC Sports Club