News
ނިޒާމްބެ އޭއެފްސީ "އޭ" ލައިސަންސް ކޯޗިން ކޯސް ފުރިހަމަކުރަން ބަގުލަދޭޝަށް!
4 މެއި 2019
ޓީސީ ސްޕޯޓްސް ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗް މުހައްމަދު ނިޒާމް(ނިޒާމްބެ) އޭއެފްސީ "އޭ" ލައިސަންސް ހެދުމަށްޓަކައި ބަގްލަދޭޝަށް ފުރައިފިއެވެ.
މިސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ މި ކޯހުގައި ދިވެހރާއްޖެ، ސްރީލަންކާ، އިންޑިޔާ، ބޫޓާން، މެލޭޝިޔާ އަދި ބަގުލަދޭޝް ހިމެނޭގޮތަށް 21 ކޯޗުން ވަނީ ބައިވެރިވެފައެވެ.
މިކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުން ބައިވެރިންނަށް ކިވައިދެއްވަނީ ބަގުލަދޭޝްގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް އެންޑް ސްޓްރެޓީޖިކް ޑިރެކްޓަރ ޕައުލް ތޯމަސް ސްމޯލޭ އެވެ.
މިއަދުން ގެށިގެން 11 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިކޯހުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ނިޒާމްބެ އެކަންޏެވެ.
މިކޯހުގަ ބައިވެރިވެވެނީ ފުޓުބޯޅަ ސީ އަދި ބީ ލައިސަންސް ފުރިހަމަ ކޮށްފައިވާ ކޯޗުންނަށެވެ. 148 ގަޑި އިރު ފުރިހަމަ ކުރަންޖެހޭ މިކޯހުގައި ތިޔަރީ ކްލާސްތަކުގަ 64 ގަޑިއިރު ފުރިހަމަ ކުރަންޖެހޭއިރު ޕްރެކްޓިކަލް ކްލާސްތައް 78 ގަޑިއިރަށް ކުރިޔަށް ދާނެއެވެ.
ނިޒާމްބެވަނީ މިދިޔަ އަހަރު އެފްއޭއެމް އިން ބޭއްވި އޭއެފްސީ އިންސްޓްރެކްޓަރކޯސް ވެސް ފުރިހަމަކޮށްފައެވެ. ނިޒާމްގެ ކޯޗް ކަމުގެ ދަށުން ޓީސީ ސްޕޯޓްސްއަށް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.
Coach Education Coaching-News TC Sports Club