News
މޯހަން މި ސީޒަންގައިވެސް ފެނިގެންދާނީ އީގަލްސްއިން
4 މެއި 2019
މިދިޔަ ސީޒަންގައި ތިންވަނައަށް ނިންމާލި އީގަލްސް ޓީމަށް ކޯޗް ކޮށްދިން މުޙައްމަދު ޝިޔާޒް (މޯހަން) އެ ޓީމްގައި މިއަންނަ ސީޒަންގައިވެސް ފެނިގެންދާނެކަމަށް އީގަލްސްއިން ބުނެފިއެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ފުޓުބޯޅައިގެ ކޯޗިންގެ އެންމެ މަތީ ފެންވަރުގެ ލައިސަންސް ކަމަށްވާ އޭ.އެފް.ސީ ޕްރޯ ލައިސަންސް ކޯސް ފުރިހަމަ ކުރަމުން އަންނަ ކޯޗް އަންނަ ސީޒަންގައި އަނެއްކާވެސް އީގަލްސްއިން ފެނިގެންދާއިރު އެ ޓީމްގެ ފަރިތަކުރުންތަށް ރޯދަމަސް ތެރޭގައި ފެށިގެންދާނެ ކަމަށް އީގަލްސްގެ އޮފިޝަލަކު ބޯޅަ.އެމްވީއަށް މައުލޫމާތު ދިނެވެ. މުޅިން އައު ފޯމެޓަކަށް މިފަހަރު ލީގު ޖުލައިގައި ފެށުމަށް އެކި ޓީމްތަކުން ތައްޔާރުވަމުން އަންނަ އިރު ލީގުގައި ވާދަކުރާ އެންމެ ޒުވާން ޓީމަކީ އީގަލްސްކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.
މޯހަންއަކީ ޕްރޯ ލައިސަންސް ކޯސް ފުރިހަމަ ކުރާނެ ދެވަނަ ދިވެހި ކޯޗެވެ. ކުރިން މި ލައިސަންސް ހޯދާފައިވަނީ މުޙައްމަދު ޝާޒްލީއެވެ. މީގެއިތުރުން އޭ ލައިސަންސް ކޯސް ފުރިހަމަ ކުރުމަށް ޓީސީއާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކުރި މުހައްމަދު ނިޒާމްވެސް ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ފުރާނެއެވެ.
މޯހަންއަކީ ކްލަބް ލެވެލްގައި ފުޓުބޯޅަ ނުކުޅެ ކޯޗިން ދާއިރާއަށް ނިކުތް މަދު ކޯޗުންގެ ތެރޭގައި ހިމެނޭ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާވަނީ 1997ން 2008ވަނަ އަހަރާ ހަމައަށް ދިވެހި ޤައުމީ ޓީމްގެ އެސިސްޓަންޓް ކޯޗްކަމުގެ މަގާމު އަދާކޮށްފައެވެ. 2008ވަނަ އަހަރު ފުޓުބޯޅައިން ދިވެހިން ހޯދި ފުރަތަމަ ރަން މެޑަލް ހޯދުމުގައި ބޮޑު ހިއްސާއެއް އަދާކުރި މޯހަން ކްލަބް ކޯޗިންގ ދާއިރާއަށް އޭގެފަހުން ނިކުމެ ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. އެގޮތުން 2012ވަނަ އަހަރު މެޗަކުން ބަލިނުވެ ދިވެހި ލީގު ހޯދައިދީފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެފަހުން މޯހަންވަނީ ވެލެންސިއާ، އ.ދ.މަހިބަދޫ އަދި ދ.ކުޑަހުވަދޫ ޓީމަށްވެސް ކޯޗް ކޮށްދީފައެވެ. އޭގަފަހުން މިދިޔަ ސީޒަންގައި ޒުވާން އީގަލްސް ޓީމަށް ކޯޗްކޮށް އެ ޓީމާއެކު ރަނގަޅު ނަތީޖާތަކެއްވަނީ ނެރެފައެވެ.
ދިވެހި ކޯޗުންގެ ތެރޭގައި އެންމެ ކާމިޔާބު އެއް ކޯޗް މޯހަން ޕްރޯ ލައިސަންސް ކޯސް ނިންމުމަށްފަހު ޖުލައިމަހުން ފެށިގެން ދަނޑުން ފެނިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.
Club Eagles Coaching-News Dhivehi Premier League