News
ޒާންގެ ކެޕްޓަންކަމުގައި ޓީ.އެން.ޖީ.އެސް ޔޫރަޕްގައި ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
27 އޭޕްރިލް 2019
ދިވެހި ޒުވާން ތަރި ޒާންގެ ކެޕްޓަން ކަމުގައި ސްޕެއިންގެ އެކެޑަމީއެއް ކަމަށްވާ ދަ ނެކްސްޓް ގެނެރޭޝަން ސްޕޯޓްސް (ޓީ.އެން.ޖީ.އެސް) މެޑިޓެރޭނިއަން އިންޓަރނެޝަނަލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޔޫރަޕްގެ ޒުވާން ބޮޑެތި ޓީމްތަކާ ދެކޮޅަށް ކުޅެ ޒާންގެ ކެޕްޓަން ކަމުގައި އެކެޑަމީ ޓީމުން ތަށި ހޯދުން ވެގެން ދިޔައީ ދިވެހި ކުޅުންތެރިއެއް ދިވެހި ރާއްޖެއިން ބޭރުގައި ބޭރު ކްލަބަކާއެކު ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަށެވެ. 'ބޯޅަ.އެމްވީ'އާ ވާހަކަ ދައްކަމުން ޒާން ބުނިގޮތުގައި ޔޫރަޕްގެ ބޮޑެތި ޓީމްތައް، ޙާއްސަކޮށް، ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑްއާއި ވާދަކޮށް ރަނގަޅު ކުޅުމެއް ދެއްކުން ވެގެން ދިޔައީ އޭނާއަށް ލިބުން އެންމެ ބޮޑު ތަޖުރިބާއަށެވެ. އެގޮތުން އެ ޓީމްގައި ސްޕެއިންގެ ޒުވާން ޤައުމީ ޓީމްގައި ކުޅޭ 6 ކުޅުންތެރިންނާ ޕޮލެންޑްގެ ޒުވާން ޤައުމީ ޓީމްގެ ކެޕްޓަން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
އުމުރުން 18 އަހަރުގެ މި ޒުވާނާއަކީ ފުޓުބޯޅަ އާއިލާއަކަށް އުފަން ކުޑައިރުއްސުރެ ފުޓުބޯޅަ ކުޅެމުން އައި ކުއްޖެކެވެ. އޭނާގެ ބޮޑުބޭބެއެއް ކަމުގައިވާ ހީނާ އަޙްމަދު ސަލީމް (ބޮޑު ހީނާ)ގެ އެކެޑަމީގައި އުމުރުން 3 އަހަރުގައި އޭނާ ތަމްރީންވާން ފެށިއެވެ. އަދި އުމުރުން 11 އަހަރުގައި އިސްކަންދަރު ސްކޫލްގެ ޓީމްގައި ހިމެނިގެން އޭނާގެ ފުރަތަމަ އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތް އޭނާ ކުޅުނެވެ. އެއީ 2011ވަނަ އަހަރު ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އިންޓަރސްކޫލް އަލުން ފެށި ފުރަތަމަ އަހަރެވެ. ޒާން ޓީމްގައި ހިމެނުން އިރު އޭނާއަކީ އެ ޓީމްގެ އެންމެ އުމުރުން ޒުވާން ދެތިން ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އެއަހަރަށްފަހު 2014ވަނަ އަހަރާއި ޖެހެންދެން އިސްކަންދަރު ސްކޫލާއެކު ޒާންވަނީ އިންޓަރ ސްކޫލް މުބާރާތްތައް ކުޅެ މޮޅު ވަނަތަކެއް ހޯދާފައެވެ.
މިވަގުތު ސްޕޭންގައި ކުޅެމުން އަންނަ ޒުވާނާއަކީ 2010 އަދި 2011ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވުނު މެންޗެސްޓަރ ޔުންއިޓެޑް ޓްރެއިނިންގ ކޭމްޕްތަކުގައި ބައިވެރިވި ކުއްޖެކެވެ. އެއަށްފަހު 2013ވަނަ އަހަރު މިޒުވާނާ ފުޓުބޯޅައިން އިތުރަށް ތަމްރީން ހޯދުމަށް އިނގިރޭސިވިލާތުގެ މެންޗެސްޓަރއަށް މިޒުވާނާ ދަތުރުކުރިއެވެ. މެންޗެސްޓަރގައި އޭނާ ފަރިތަކުރި ތިން އަހަރުގެ ތެރޭގައި އޭނާވަނީ 2014ވަނަ އަހަރު 16 އަހަރުން ދަށުގެ ޒުވާން ޤައުމީ ޓީމާއެކު އެއަހަރު ބޭއްވުނު 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައެވެ. ބަންގާޅުގައި ބޭއްވުނު އެމުބާރާތުގައި ދިވެހި ޓީމްގެ ކެޕްޓަންކަން ކުރި ޒުވާނާވަނީ ޤައުމީ ޓީމަށް އޭނާ ޖެހި ފުރަތަމަ ގޯލް އަފްޤާނިސްތާން ކޮޅަށްޖަހާފައެވެ.
މެންޗެސްޓަރއަށް ބަދަލުވިތާ ތިން އަހަރުފަހުން އޭނާވަނީ 2016ވަނަ އަހަރުގައި ސްޕެއިންއަށް ބަދަލުވެފައެވެ. ލެވާންޓޭއާއެކު ސްޕެއިންގައި އޭނާގެ ފުޓުބޯޅަ ހަޔާތް ފެށިއެވެ. ލެވާންޓޭގައި ތަމްރީންވަމުން ދިޔައިރު ސްޕެއިންގެ 19އަހަރުން ދަށުގެ ފުރަތަމަ ޑިވިޜަންގައި ކުޅެމުން އައި ބޮޑެތި ކްލަބްތަކާ ދެކޮޅަށް އޭނާވަނީ އެކުވެރިކަމުގެ މެޗްތަކެއް ކުޅެފައެވެ. އެއަށްފަހު ޓީ.އެން.ޖީ.އެސްއާ ގުޅި ސްޕެއިންގެ އެންމެ މަތީ ފަންތީގެ ޒުވާން ތަރިންނާ ދެކޮޅަށް ސްޕެއިންގެ ލީގުތަކުގައި ކުޅެވުމަކީ ފުޓުބޯޅައިން ކުރިއަށް ދިޔުމަށް ލިބުނު އިތުރު އަގުބޮޑު ފުރުސަތެއްކަމުގައި މިޒުވާނާ ދެކެއެވެ. މީގެއިތުރުން މެޑިޓެރޭނިއަން އިންޓަރނެޝަނަލް ކަޕްގައި އެޓްލެޓިކޯ މެޑްރިޑްފަދަ ޓީމްތަކާކުޅެ ރަންވަނައެއް ހޯދުމަކީ އޭނާއަށް ލިބުން އެންމެ ބޮޑު އެއްކާމިޔާބީގެ އިތުރުން ތަޖުރިބާކަންވެސް ފާހަގަ ކޮށްލެވެއެވެ.
ޒާން ކުރިމަގާ ބެހޭގޮތުން ސުވާލުކުރުމުން 'ބޯޅަ.އެމްވީ'އާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. "ހުވަފެނަކީ އެންމެ މަތީ ފެންވަރުގައި ފުޓުބޯޅަ ކުޅުން. މީހުންނަށް ޓީވީ ނުވަތަ ބޮޑެތި ދަނޑުތަކުން ފެންނާނެ ފެންވަރުގައި ފުޓުބޯޅަ ކުޅުން. މިވަގުތު ޔޫރަޕުގެ ދެ ޤައުމެއްގެ ޓީމްތަކާއެކު ޓްރަޔަލަސް ހަދަމުން މިދަނީ ނަމަވެސް ޓީމެއް ނުވަތަ ޤައުމެއް މިވަގުތު ހާމަ ކުރާކަށް ބޭނުމެއް ނޫން."
އަރަމުން އަންނަ ޒުވާން ތަރިންނަށް ދޭނީ ކޮން އިރުޝާދެއްތޯ އާއި ދިވެހި ފުޓުބޯޅަ މިވަގުތު އޮތް ހާލަތާމެދު ހިޔާލުތަށް ހުރީ ކިހިނެއްތޯ އަހާލުމުން ޒާން ބުނެފައިވަނީ، "ފުރަތަމަ ހަމަ ބުނެލަން ބޭނުންވަނީ ރައްޓެއްސެއްގެ ސަބަބުން ވިޔަސް ނުވަތަ އެހެން މީހެއްގެ ސަބަބުން ވެސް ނުބައި މަގަކުން އެއްވެސް ޒުވާނެއް ނުދާށޭ. މަތީ ފެންވަރުގައި ފުޓުބޯޅަ ކުޅެން ބޭނުންނަމަ އެކަމަށް އަޒުމް ކަނޑައަޅާ ކޮންމެ ދުވަހަކުވެސް އެ އަމާޒަށް ވާސިލްވުމަށް ރަނގަޅު އަޚްލާޤަކާއެކު މަސައްކަތް ކުރާށޭ ބުނެލަން ބޭނުންވަނީ. ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތުން އަރައިގަނެ ތަރައްޤީ ކުރުމަށް އެތަށް އަހަރުތަކެއް ނަގާނެ. ކެތްތެރިކަމާއި ވަގުތާއެކު އަޅުގަނޑަށް ހީވަނީ ދިވެހި ފުޓުބޯޅަ ކުރިއަށް އޮތް ތާނގައި ވިދާލާނެހެން. ނަމަވެސް މިވަގުތު ދިވެހި ފުޓުބޯޅައޮތީ ނާޒުކު ފައްތަރެއްގައި. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މިވަގުތު ފުޓުބޯޅަ ތަރައްޤީ ކުރުމަށް އެފް.އޭ.އެމްއިން ގެންގުޅެމުންދަނީ ރަނގަޅު ވިސްނުމެއް. ހާއްސަކޮށް ދިވެހި ރާއްޖޭގައި މިވަގުތުހުރި އެންމެ ކުޅަދާނަ ޓްރެއިނަރުންގެ ތެރެއިން ދެ ބޭފުޅުންނާއެކީ ގްރާސްރޫޓްސް މަޝްރޫއު ކުރިއަށް ގެންދާތީ."
ޒާން އަކީ ފުޓުބޯޅައިން ކުރިއަށް ދިއުމުގެ ހުވަފެން ދެކޭ ދިވެހި ޒުވާނުންނަށް ހުރި ނަމޫނާއެކެވެ. ދާދިފަހުން އިންޓަރސްކޫލްވެސް ނިމިގެން ގޮސްފައިވާއިރު، އެމުބާރާތުންވަނީ އެތަށް ކުދިންތަކެއް ވިދާލާފައެވެ. މިކުދިން ފުޓުބޯޅައިން ކުރިއަށް ދާން ބޭނުންނަމަ އެކަމަށް ގަދައަޅާ މަސައްކަތް ކުރުން މުހިންމެވެ. އަދި ނުބައި މަގަކުން ކުރިއަށް ނުގޮސް ރަނގަޅު އަޚްލާޤު ދެމެހެއްޓުމަކީވެސް މުހިންމު ކަމެކެވެ. ދިވެހި ފުޓުބޯޅަ ކުރިއަރާ ދިއުމަށް އެފަދަ ކުޅުންތެރިންގެ މަސައްކަތާ ހިތްވަރު ވަރަށް މުހިންމުކަމާމެދު ޝައްކެއްވެސް ނެތެވެ.
ފޮޓޯ: ފޭސްބުކް/ އިސްމާއިލް ޒާން އާމިރް
Towards Future