News

ގޯލެއް ނުޖެހި ދިވެހި ޒުވާން ޓީމް ކޮލިފައިން ބުރު ނިންމާލައިފި

27 މާރިޗު 2019






ދިވެހި ޓީމް މިރޭ ލުބްނާންއާއި ދެކޮޅަށް ކުޅުނު މެޗުން ބޮޑު ތަފާތަކުން ބަލިވެ ކޮލިފައިން ބުރު ނިންމާލައިފިއެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިރޭ ޓީމް އުމްރާއަށް ދިއުމަށް މައްކާއަށް ކޮލިފައިން ބުރަށްފަހު ފުރާފައިވާކަމެވެ.

މިރޭގެ މެޗުން ދިވެހި ޓީމް ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ. މޮޅަކާއެކު މުބާރާތް ނިންމާލުމަށް ދިވެހި ޒުވާން ޓީމް ނިކުމެ ފުރަތަމަ މެޗު ފަށައިގެން ވަނީ ރަނގަޅު ކުޅުމެއްވެސް ދައްކާފައެވެ. ނަމަވެސް ކީޕަރަށް ހެދުނު ގޯހަކުން 23ވަނަ މިނިޓުގައި ދިވެހި ގޯލް ލުބްނާން ޓީމުން ފޫ އަޅުވާލިއެވެ. މިގޯލަށްފަހު ޓީމް މުޅިއަކު ހަމަނުޖެހެވި އުޅެނިކޮށް ދެވަނަ ގޯލެއްވަނީ ޓީމްގެ ކެޕްޓަން އައްޒާމް އަބްދުﷲ ގެ އަތުން ބައިކޮޅަށެވެ. މެޗުގެ ދެން ޖެހި ދެ ގޯލް ލުބްނާނުން ޖެހީ ދެވަނަ ހާފުގައެވެ. އެގޮތުން 3ވަނަ ގޯލް 59ވަނަ މިނިޓުގައި އޭރިޔާ ތެރެއިން ފަސޭހަކަމާއެކު ލިބުން ބޯޅަ ފޮނުވާލއިގެން ލުބްނާން ޓީމުން ލީޑު ބޮޑު ކުރިއެވެ. އޭގެ ތިން މިނިޓުފަހުން އިތުރު ގޯލެއް ވަތްއިރު ފަސްވަނަ ގޯލް ވަނީ މެޗުގެ 75ވަނަ މިނިޓުގައެވެ. އެއަށްފަހު 82ވަނަ މިނިޓުގައި ފަހު ގޯލް ޖަހާ މުޅި ދިވެހި ޓީމް ފޫ އަޅޫވާލިއެވެ. މިރޭގެ މެޗަށް ދިވެހި ޓީމުން ނިކުތީ ދެ ބަދަލަކާއެކުގައެވެ. އެއީ ޔޫ.އޭ.އީ މެޗުގައި ކުޅުން ޝައިފުﷲ އިބްރާހިމް އަދި އަލީ ހަމްދާންގެ ބަދަލުގައި ކުޅުނީ އަބްދުﷲ ޔާމީން (ޔާނު) އަދި ހަސަން ނަޒީމް ގާސިމް (ޗޯޓު)އެވެ.

މިފަހަރު އަހްމަދު ޝާކިރު (ޝަކިއްޓޭ) އިސްވެ ކޯޗް ކޮށްދިން މުބާރާތަށް ނިކުތް ޓީމުގައި ދިވެހި ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕުން ވިދާލި އެތައް ކުޅުންތެރިންނެއްވަނީ ހިމަނާފައެވެ. މުޅިއަކު 15 ގޯލް ޓީމް ކޮޅަށް ވަތް އިރު ދިވެހި ޓީމް ކޮލިފައިން ނިންމާލީ ގޯލެއް ނުވަތަ ޕޮއިންޓަކާވެސް ނުލައެވެ.

މީގެކުރިން ދިވެހި ޓީމް މި ކޮލިފައިން ކުޅެފައިވަނީ 2015ވަނަ އަހަރުގައެވެ. އެއަހަރު ދިވެހި ޓީމް ހަތަރު މެޗުންވެސް ބަލިވިއިރު 17 ގޯލް ޓީމް ކޮޅަށް ވަދެފައުވެއެވެ. ނަމަވެސް މުހައްމަދު އިރުފާން (އިރޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު)ވަނީ ދިވެހި ޓީމަށް ގޯލް ޖަހައިދީފައެވެ.

މުބާރާތަށްފަހު ސައުދީ އެފް.އޭ އަދި އެފް.އޭ.އެމް ގުޅިގެން ދިވެހި ޒުވާން ޓީމަށް އުމްރާގެ ފުރުސަތެއް ދެ އެފް.އޭގެ ހަރަދުގައި ހަމަޖައްސައިދީފައިވާއިރު ޒުވާން ޓީމްވަނީ މިރޭ އުމްރާއަށް ދިޔުމަށް މައްކާއަށް ފުރާފައެވެ. ޓީމް އެނބުރި މާލެ އަންނަށް ފުރާނީ މާދަމާ ރޭ 11 ޖަހާއިރުއެވެ.

ފޮޓޯ: އޭ.އެފް.ސީ

2020 AFC U-23 Championship Qualification FAM U-21 Youth Championship Maldives National Team Towards Future

Leave a Comment:

Comments will be published after moderation.