News
ޔޫ.އޭ.އީއާ ދެކޮޅަށް ޒުވާން ޓީމް ތަފާތު ކުޑަކޮށްފި
25 މާރިޗު 2019
މިރޭ އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގައި ދިވެހި ޒުވާން ޓީމް ޔޫ.އޭ.އީއާ ދެކޮޅަށް ވާދަކުރި މެޗުން ޒުވާން ޓީމު ބައްޔާއި އަނެއްކާވެސް ކުރިމަތިލައިފިއެވެ. ނަމަވެސް މިމެޗުގައި ދިވެހި ޓީމްވަނީ ސައުދީ މެޗުން ފިލާވަޅު ނަގައި ތަފާތު ކުޑަކޮށްފައެވެ.
ސައުދީއާއި ދެކޮޅަށް ދިވެހި ޓީމް ކުޅެ 6-0ން ބަލިވިއިރު، އެރޭ ޔޫ.އޭ.އީވަނީ ލުބްނާންގެ ޒުވާން ޓީމް 6-1ން ބަލިކޮށް މުބާރާތަށް ތައިލޭންޑަށް ދިޔުމުގެ ފުރުސަތު ބޮޑު ކޮށްފައެވެ. މިރޭގެ މެޗުން ދިވެހި ޓީމް 3-0ން ބަލިވުމުން މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތުވަނީ ވަރަށް ހަނިވެފައެވެ. ދިވެހިން މުބާރާތުން ކުރިއަށް ދިޔުމުގެ އެއްވެސް ފުރުސަތެއް އޮތީ ސައުދީ ކައިރިން ލުބްނާން މޮޅުވެގެންނެވެ. ނަމަވެސް މިރޭ ސައުދީ ޓީމާ ކުޅެ ލުބްނާންވަނީ 2-0ން ބަލިވެފައެވެ. މި ނަތީޖާތަކުގެ ސަބަބުން ލުބްނާން ޓީމްގެ އިތުރުން ދިވެހި ޓީމް ވަނީ މުބާރާތުގެ ކޮލިފައިންއިން އަލްވަދާއު ކިޔަންޖެހިފައެވެ.
ޑިފެންސިވް ކުޅުމެއް ކުޅުނު ދިވެހި ޓީމްގެ ފުރަތަމަ އެގާރައަށް ސައުދީ މެޗަށް ބެލުމަށްފަހު ކޯޗް އަހްމަދު ޝާކިރު (ޝަކިއްޓޭ)ވަނީ ފަސް ބަދަލެއް ގެނެސްފައެވެ. އެގޮތުން ހަސަން ރާއިފް އަހްމަދު (ހަންނަ)، އަބްދުﷲ ޔާމީން (ޔާނު)، އަލީ ޝަމާލް އަބްދުﷲ، މުހައްމަދު ސާދު ނިޒާމް އަދި ރިހާމް އަބްދުލްޣަނީ (ބޮބީ) ފުރަތަމަ އެގާރައިން އުނިކޮށް ބެންޗްގައި މަޑޫކުރި އިރު އެ ކުޅުންތެރިންގެ ބަދަލުގައި ފުރަތަމަ އެގާރާގައި ކުޅެން އެރީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، އިބްރާހިމް އަތީގް ހަސަން، ފަރުހާން މުހައްމަދު (ފަރުއްކޮ)، އަލީ ސޮލާހް އަދި އަލީ ހަމްދާންއެވެ.
މެޗުގެ ފުރަތަމަ ގޯލް ޔޫ.އޭ.އީއަށް ކާމިޔާބުކޮށްދިނީ 28ވަނަ މިނިޓުގައި މުހައްމަދު ރާޝިދެވެ. މިބޯޅަ މަތަކުރުމަށް ދިވެހި ކެޕްޓަން އައްޒާމް އަބްދުﷲ (އެޑޫ) މަސައްކަތް ކުރިނަމަވެސް ތިރިތިރިން ދިޔަ ބޯޅަވަނީ ގޯލް ތެރެއަށެވެ. ދިވެހި ޓީމުން ޔޫ.އޭ.އީ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެއީ ފުރަތަމަ ހާފުގައި އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އައިސަމް އިބްރާހިމްއެވެ. މިބޯޅަވަނީ ޔޫ.އޭ.އީގެ ކީޕަރު ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ޔޫ.އޭ.އީ ޓީމަށް ނިކުތް ޒައިދު އަބްދުﷲ އަލާމެރީ ދެވަނަ ހާފު ފެށިތާ ތިންވަނަ މިނިޓޫގައި ލިބުނު ހިލޭޖެހުމަކުން ލަނޑެއް ކާމިޔާބުކޮށް ޔޫ.އޭ.އީގެ ލީޑު ފުޅާކޮށްދިނެވެ. ތިންވަނަ ގޯލް ޖެހީ ޔޫ.އޭ.އީ ޓީމުގެ ޑިފެންޑަރެއް ކަމަށްވާ މުހައްމަދު އަލީއެވެ. މިއީ އެ ޓީމުން ނެގި ހުރަހަކުން ބޮލުން ޖެހި ގޯލެކެވެ. މެޗުގެ ފަހުކޮޅުގައި ދިވެހި ޓީމުން ވަނީ ބަދަލުތައް ގެނެސް އެޓޭކިންގ ކުޅުމެއްވެސް ދައްކުވާފައެވެ.
މިރޭގެ ނަތީޖާތަކުގެ ސަބަބުން ޔޫ.އޭ.އީ އަދި ސައުދީ މިހާރުވަނީ އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވެފައެވެ. ކުޅުނު ދެމެޗުންވެސް މި ދެޓީމް މޮޅުވެފައިވާއިރު ތާވަލުގެ އެއްވަނަ މަގާމް ހޯދުމަށް ދެ ޓީމް ކުރިމަތިލާނީ 26ވަނަ ދުވަހުގެ ރޭ ރާއްޖެގަޑިން ރޭގަނޑު 10:25ގައެވެ. އެމެޗުގެ ކުރިން ކޮލިފައި ނުވިކަމުގައިވިޔަސް ދިވެހި ޓީމް މޮޅަކާއެކީ ކޮލިފައިންއާ އަލްވަދާއު ކިޔުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެރޭ ރާއްޖެގަޑިން 7:25ގައި ލުބްނާނާއި ދިވެހިރާއްޖެ ވާދަކުރާމެޗުންނެވެ.
ފޮޓޯ: އޭ.އެފް.ސީ
2020 AFC U-23 Championship Qualification Maldives National Team Towards Future