News
އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ، އީގަލްސް އަދި ވިލާ ހައި ސްކޫލްގެ ހަމްދޫންގެ "ހަލުވި ހުނަރު" ދުނިޔޭގެ ލޯތަކަށް.
24 މާރިޗު 2019
ދިވެހި ރާއްޖޭގައި ފުޓްބޯޅަ އޭ ބުނެފިނަމަ އެ ކުޅިވަރަށް އޮންނަ ލޯތްބާ އެއްވަރަށް އެ ކުޅިވަރުގެ ހުނަރުވެސް މަދެކޭ ނުބުނެވޭއެވެ. އަދި ފުޓްބޯޅައިގެ ހުނަރުވެރިކަން އެންމެ ބޮޑަށް ފެނިގެންދާ އެއް މުބާރާތަކީ ސްކޫލްތަކުގެ މެދުގައި ކޮންމެ އަހަރަކު ބޭއްވޭ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތެވެ. މީގެ ކުރިންވެސް އެތަކެއް ފަހަރުމަތިން މި މުބާރާތުން އެތަކެއް ހުނަރެއް ފެނި، ތަރައްގީވެ، ކުރިއަރައި ދިވެހި ފުޓްބޯޅައިގެ އެކި ފަންތިތަކުގައި ފިޔަޖަހާފައި އަދި މިހާރުވެސް ފިޔަޖަހަމުންދެއެވެ. މިއަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައިވެސް މިވަނީ ތަފާތު އެތައް ހުނަރުވެރި ކުޅުންތެރިންތަކެއް މިހާތަނަށް ފެނިގެންގޮސްފައެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރު އަދި ކްލަބް އީގަލްސްގެ އަރަމުން އަންނަ 17 އަހަރުގެ ޒުވާން ކުޅުންތެރިޔާ، ހަމްދޫން އަބްދުލްލަތީފްގެ ހުނަރު ދުނީޔޭގެ ލޯތަކަށް އަމާޒުވެއްޖެއެވެ. ހަމްދޫންގެ ހުނަރުވެރިކަން މިހާރުވަނީ މީސް މީޑިއާގައިވެސް ވަރަށް ބޮޑަށް ވައިގައިހިފާފައެވެ.
މިހާރު ކުރިއަށްދާ މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ދޮށީ އުމުރުފުރާ، 18 އަހަރުން ދަށުގެ މުބާރާތުގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އިން މިމަހުގެ 20 ވަނަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ހަމްދޫން ޖަހައިދިން ގޯލްގައި އޭނަގެ ފަރާތުން ފެނުނު ތަފާތު ހުނަރަށް މިހާރު އަންނަނީ ގިނަބައެއްގެ ތަޢުރީފުލިބެމުންނެވެ. މެޗުގެ 17 ވަނަ މިނެޓްގައި ވިލާ ހައި ސްކޫލް ޓީމުން އެއް ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ދަނޑުގެ ވާއަތްފަރާތުގެ އަރިމަތިން ބޯޅަ ހޯދުމަށްފަހު އިދިކޮޅު ތިން ކުޅުންތެރިން ކައިރިން ހަމަ އެއްގޮތަށް ކޮއްޓާ ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާއަށްވަދެ އިދިކޮޅު ގޯލް ކީޕަރަށް އެއްވެސް ފުރުސަތެއްނުދީ ހަމްދޫންވަނީ ބޯޅަ ހަނި އޭންގަލްއިން ގޯލްގެތެރެއަށްފޮނުވާލައި ހިތްގައިމު ލަނޑެއްކާމިޔާބިކޮށްދީ އޭނަގެ ޓީމުގެ ލީޑު ބޮޑުކޮށްދީފައެވެ. ހަމްދޫން މި ލަނޑު ކާމިޔާބުކުރުމަށް އިދިކޮޅު ކުޅުންތެރިން ކައިރިން ދެމިގަތުމަށް އޭނަވަނީ އޭނަގެ ހުނަރު ވަރަށް ބޮޑަށް ބޭނުންކޮށްފައެވެ. 3 ކުޅުންތެރިންކައިރިންވެސް ހަމްދޫން ބޯޅަ ހިފައިގެން ކުރިއަށް ދެމިގަތީ ހަމަ އެއްގޮތަކަށެވެ.
![]() |
އެމެޗުގައި ހަމްދޫންވަނީ 2 ގޯލް ކާމިޔާބިކޮށްފައެވެ. އެމެޗު ވިލާ ހައި ސްކޫލްޓީމުން ކާމިޔާބުކުރީ 11-0 ބޮޑު ނަތީޖާއަކުންނެވެ.
ހއ.މާރަންދޫއަށް އުފަން ހަމްދޫން، 2017 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްއާއިއެކު 16 އަހަރުން ދަށުގެ އިންޓަރ ސްކޫލް މުބާރާތް ކާމިޔާބުކޮށް ވިލާ ހައި ސްކޫލަށް 2018 ވަނަ އަހަރު ގުޅުމަށްފަހު ،އަންނަނީ އެ ސްކޫލްގެ 18 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގައި މުހިއްމު ރޯލެއް އަދާކުރަމުންނެވެ. ހަމްދޫންގެ ހައި ސްކޫލްގެ ފުރަތަމަ އަހަރުވެސް ވަނީ 18 އަހަރުން ދަށުގެ އުމުރުފުރައިގެ ވިލާ ހައި ސްކޫލްގެ ހުރިހާ މެޗެއްކުޅެ ފައިނަލްގައި ކުޅެފައެވެ.
އޭރު ވިލާ ހައި ސްކޫލް ކޯޗުކަމުގައި އަދި މިހާރުވެސް އެ ސްކޫލްގެ ކޯޗުގެ ގޮތުގައި ހުރި، ކްލަބް އީގަލްސްގެ އެސިސްޓެންޓް ކޯޗު، އަދި ނިމިދިޔަ ޔޫތް މުބާރާތުގައި އީގަލްސްއަށް ތަށި ކާމިޔާބުކޮށްދިން ކޯޗް، އިބްރާހިމް ސައީދު (ކަކާ)އަށް، ހަމަ އެއަހަރު ހަމްދޫން ހުނަރު ފާހަގަވެގެން ކްލަބް އީގަލްސްގެ ޒުވާން ޓީމަށްވެސް ވަނީ ހަމްދޫން ގެންގޮސްފައެވެ. 2018 އިން ފެށިގެން ހަމްދޫން އަކީ ކްލަބް އީގަލްސްގެ ޒުވާން ޓީމުގައި މުހިއްމު ނަމެކެވެ. 2018 ވަނަ އަހަރު ޔޫތް މުބާރާތުގެ އެއްކޮޅުން ފައިނަލްގައި އީގަލްސް ކުޅުނުއިރު ހަމްދޫންއަކީ އީގަލްސްގެ ވާއަތްފަރާތުގައި މުހިއްމު ދައުރެއްކުޅުނު ކުޅުންތެރިއެކެވެ. އަދި މިއަހަރު ކޯޗް ކަކާގެ އިރުޝާދުގެ ދަށުން އީގަލްސް ޔޫތް މުބާރާތް ކާމިޔާބުކުރިއިރު ހަމްދޫން އައީ އޭނަގެ ހަލުވިކަމާއި ހުނަރުގެ ތަފާތު ދައްކާފައެވެ.
ދަނޑުގެ ވާއަތްފަރާތު ކޮންމެ މަޤާމަކަށްވެސް ކުޅެންފަރިތަ ކުޅުންތެރިއެއްކަމަށް އޭނައަށް ނިމިދިޔަ ދެ އަހަރުވެސް ކްލަބް އީގަލްސްގައި ޒުވާން ޓީމުގައި އަދި ވިލާ ހައި ސްކޫލްގައި އިރުޝާދުދިން ކޯޗް، އިބްރާހިމް ސަޢީދު (ކަކާ) ބުނެއެވެ. އަދި ހަމްދޫންގެ އެންމެ ހާއްސަ ސިފައަކީ އަޙުލާގާއި އެކު ގަދަ އަޅާ މަސައްކަތްކުރުންކަމަށްވެސް ކޯޗް ކަކާ ބުނެއެވެ.
"ހަމްދު އަކީ ވާއަތުފައިން ކުޅެމުން އަންނަ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އޭނަގެ ހަލުވިކަމާއެއްވަރަށް ބޯޅައަށްވެސް އެހާ ފަރިތަވާނެ. ދެން އަނެއްކާ އެހާ އަހުލާޤް ރަނގަޅުވެފަ އަބަދުވެސް ގަދަ އަޅާ މަސައްކަތްކުރާނެ. އެހެން ކުޅުންތެރިންނަށްވެސް ވަރަށް އިހުތިރާމްކުރާނެ. ކޮންމެ ކަމެއް މެދުވެރިވެގެންވިއަސް ހަމްދުގެ ހުނަރު ގިނަބަޔަކަށް މި ގޮތަށް ފެނި ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ހަމްދުއަށް ލިބޭތީ އެކަމާ ޝުކުރުކޮށް ވަރަށް އުފާކުރަން އަހަރެން. ވަރަށް ފަޙުރުވެރިވޭ ހަމްދުއާ މެދު. އިރާދަކުރެވިއްޔާ މުސްތަޤްބަލް އެބައޮތް."
ހަމްދޫންގެ ކުޅުމާއި ބެހޭ ގޮތުން ކޯޗް ކަކާ ބޯޅަ.އެމް.ވީ އިން ކުރި ސުވާލަކަށް ޖަވާބުދެމުންބުންޏެވެ.
މީސްމީޑިއާގައި މިހާރު ވައިގައި ހިފާފައިވާ ހަމްދޫންގެ މި ހުނަރުވެރި ގޯލްއަކީ ރާއްޖޭގައި މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ކުޅިވަރު ހަރަކާތްތައް ލައިވް ސްޓްރީމް ކުރަމުންއަންނަ ހާފް ކޯޓް މޯލްޑިވްސް އިން މައިކްޖޫ މެދުވެރިކޮށް ސެއަރކޮށްފައިވާ ވީޑިއޯ ކްލިޕެކެވެ. މައިކްޖޫއަކީ އިންޓަނޭޝަން އޮންލައިން ލައިވް ސްޓްރީމް ޕްލެޓްފޯމެކެވެ. މި ވީޑިއޯ ކްލިޕްވަނީ މައިކްޖޫގެ ރަސްމީ ފޭސްބުކްގެ އިތުރުން މިހާރު އެމެރީކާގެ މަސްހޫރު ކުޅިވަރު ހަބަރު ގެނެސްދޭ ބްލީޗާރ ރިޕޯޓްއިންވެސް އެމީހުންގެ މީސްމީޑިއާ އެކައުންޓްމެދުވެރިކޮށް ސެއަރކޮށްފައެވެ. އެފް.އޭ.އެމް އިން ރާވާ ހިންގާ ހުރިހާ މުބާރާތެއްގެ މެޗުތަކެއްހެން މިހާރު އަންނަނީ ހާފް ކޯޓް މޯލްޑިވްސް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރަމުންނެވެ.
ފޮޓޯ: އިމޭޖަސް.އެމް.ވީ
އިންޓަރ ސްކޫލް ފުޓްބޯލް ޓްވާރޑްސް ފިއުޗަރ
