News
އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ދިވެހި ޒުވާން ޓީމް ސައުދީ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ
23 މާރިޗު 2019
މިރޭ ކުޅެވުން އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ސައުދީގައި ސައުދީ ޓީމާ ދެކޮޅަށް ނިކުމެ ދިވެހި ޓީމް ބައްޔާ ކުރިމަތިލާން ޖެހިއްޖެއެވެ.
0-6ން މިމެޗުން ދިވެހި ޓީމް ބަލިވިއިރު ފާހަގަ ކޮށްލަން ޖެހެނީ މީގެ ތެރެއިން ހަތަރު ގޯލް ވަދެފައިވަނީ ދެވަނަ ހާފުގައިކަމެވެ. ފިލިޕީންސްގައި ބޭއްވުނު މުހިންމު ތަމްރީންތަކުގައި މޮޅެތި ނަތީޖާ ނެރެފައިވީކަމުގައިވިޔަސް ގަލްފުގެ ތިން ގަދަ ބާރާ އެއް ގްރޫޕެއްގައި ލައްވާލާފައިވާ ދިވެހި ޓީމް ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާގައިވާނެ ގޮތެއް ބުނަން މިވަގުތު ދައްޗެވެ. ނަމަވެސް ޓީމުން އެދެނީ ދިވެހިންގެ ތަރުހީބެވެ.
24ވަނަ ދުވަހުގެރޭ ޔޫ.އޭ.އީއާއި ދެކޮޅަށް ރާއްޖެގަޑިން 7:25ގައި ދިވެހި ޒުވާން ޓީމް ކުޅޭނެއެވެ. އަދި 26ވަނަ ދުވަހުގެރޭ ރާއްޖެގަޑިން 7:25ގައި ލުބުނާނާއި ދެކޮޅަށް ކޮލިފިކޭޝަންގެ ފަހު މެޗުގައި ވާދަކުރާނެއެވެ. އުނދަގޫ ގްރޫޕެއްގައި ލައްވާލައިފައިވީޏަމަވެސް ކޯޗް އަހްމަދު ޝާކިރު (ޝަކިއްޓޭ)ވަނީ ވަރަށް ރަނގަޅަށް ދިވެހި ޓީމަށް ކޯޗް ކޮށްދީފައެވެ. މީގެއިތުރުން ޤައުމީ ޓީމުގެ ކޯޗް ޕިޓާ ސެގަރޓްވަނީ ޝާކިއްޓޭއަށް ތައުރީފްކޮށް ވަހަކަ ދައްކާފައެވެ.
މުބާރާތް ކުރިއަށް ދާނެގޮތުގެ ތަފްސީލަކަށް ބަލާލާއިރު ކޮލިފިކޭޝަންގައި ރާއްޖެ ހިމެނިފައިވަނީ އަރަބި ގަލްފުގެ ގަދަބާރުތައް ކަމަށްވާ ސައުދީ، ޔޫ.އޭ.އީ އަދި ލުބްނާނާއެކު ގްރޫޕް ޑީގައެވެ.
ކޮލިފިކޭޝަނަށް ކުޑަ ނަޒަރެއް ހިންގާލާއިރު ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ސައުދީއާއި ދެކޮޅަށް މާޗްމަހުގެ 22ވަނަ ދުވަހު 23 އަހަރުން ދަށުގެ ދިވެހި ޓީމް ނިކުންނާނެއެވެ. އަދި އެއަށްފަހު ޔޫ.އޭ.އީއާއި ދެކޮޅަށް 24ވަނަ ދުވަހު ކުޅޭނެއެވެ. އަދި 26ވަނަ ދުވަހު ލުބުނާނާއި ދެކޮޅަށް ކޮލިފިކޭޝަންގެ ފަހު މެޗުގައި ވާދަކުރާނެއެވެ. ކޮލިފިކޭޝަނަށް ގުރުލާފައިވަނީ މިދިޔަ 2018ވަނަ އަހަރުގެ ނޮވެމްބަރ 7 ގައި މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭ.އެފް.ސީ ހައުސްގައެވެ. އޭ.އެފް.ސީގެ މެމްބަރު 47 ޤައުމުގެ ތެރައިން ކޮލިފިކޭޝަންގައި ބައިވެރިވަނީ 44 ޓީމެވެ. އެއީ ބައްރުގެ ހުޅަނގު ޒޯނުން 24 ޤައުމާއި އިރުމަތީ ޒޯނުން 20 ޓީމެވެ، ކޮންމެ ގްރޫޕަކަށް 4 ޓީމް ވާނެހެން 11 ގްރޫޕަށް ބަހާލެވިގެން ކުރިއަށްދާ ކޮލިފިކޭޝަންއިން މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި އެންމެ މަތިން ޕޮއިންޓް ހޯދާ ގްރޫޕުގެ ދެވަނަ މަގާމުގައި ނިންމާލާ 4 ޓީމެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލޭންޑެވެ.
މުބާރާތް ބޭއްވޭނީ ތައިލޭންޑުގައެވެ. އެހެންކަމުން ތައިލޭންޑަށް މުބާރާތުގެ ޖާގައެއް ކޮލިފައިން ނުކުޅެ ޔަގީންވާނެއެވެ. ނަމަވެސް ތައިލޭންޑް ކޮލިފައިން ކުޅުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ތައިލޭންޑް އިންނަ ގްރޫޕުން އެއްވަނައަށް ނުވަތަ އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ 4 ޓީމް ތެރޭގައި ތައިލޭންޑް ހިމެނިއްޖެނަމަ 5 ވަނައަށް އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ ޓީމް މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނެއެވެ.
ބޯޅަ.އެމްވީއިން އެދެނީ ކުރިއަށް ހުރި ކޮލިފައިންގެ މެޗުތަކުގައި ދިވެހި ޓީމަށް ކާމިޔާބިޢެވެ. މުބާރާތުގެ އިތުރު މައުލޫމާތުތަކަށް ބޯޅަ.އެމްވީ އެޕް ނުވަތަ ވެބްސައިޓްއިން ތާޒާކޮށް ލިބެމުންދާނެއެވެ.
ފޮޓޯ: ފޭސްބުކް/ އޭ.އެފް.ސީtiw
2020 AFC U-23 Championship Qualification Towards Future