News
ދިވެހި އަންހެން ފުޓުބޯޅައަށް އައު އަލިމަގެއް
23 މާރިޗު 2019
މިމަހުގެ 19ވަނަ ދުވަހު ދިވެހި އަންހެން ފުޓުބޯޅަ އެކެޑަމީއެއްގެ ހަރަކާތްތައް ރަސްމީ ސިފައެއްގައި ފުރަތަމަ ފަހަރަށް އަމަލީގޮތުންވަނީ ފަށާފައެވެ.
މިއީ އަންހެން ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށް އެޅިގެންދާ ވަރުގަދަ ފިޔަވަޅެކެވެ. އަދިވެސް ބައިވެރިވުމަށް އެފް.އޭ.އެމްގައި އެދުމުގެ ފރުސަތު ހުޅުވާލެވިފައިވާ މި އެކެޑަމީއަކީ އެކި އުމުރުފުރާގެ އަންހެން ކުދިން ތަމްރީން ކުރެވޭނެ އެކެޑަމީއެކެވެ. ފުރަތަމަ ރޭގައިވެސް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް މި އެކެޑަމީއަށް ލިބިފައެވެ. ހަފްތާގެ ތިން ދުވަސް ކަމަށްވާ އާދިއްތަ، އަންގާރަ އަދި ބުރާސްފަތީގެ ރޭގަނޑޫ 7ން 8:30ށް މި އެކެޑަމީގެ ހަރަކާތްތަށް ކުރިއަށް ގެންދެވޭނެއެވެ.
މިއެކެޑަމީގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެފް.އޭ.އެމްއިންވަނީ ހުޅުވާލާފައެވެ. ހިލޭ ހުރިހާ އަންހެން ކުދިންވެސް ތަމްރީން ކުރާ މިއެކެޑަމީގައި އިރުޝާދު ދެއްވާނީ އެފް.އޭ.އެމްގެ ޔޫތު ޑިވެލޮޕްމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ކޯޗުންނެވެ. މިއީ އެފް.އޭ.އެމްއިން ދިވެހި ފުޓުބޯޅައަށް އަޅާ އެންމެ ބޮޑު އެއް ފިޔަވަޅެވެ. މީގެ އިތުރުންވެސް ކޯޗުން ތަމްރީން ކުރުމާއި، ޒުވާން ޓީމްތަކުގެ ކޯޗުންނާއި އެކެޑަމީތަކުގެ ކޯޗުންނާއެކީ ރޭވި މަސައްކަތު ބައްދަލުވުމާއި، ރެފްރީއިން ތަމްރީން ކުރުމުގެ ބޮޑެތި ޕްރޮގްރާމްތަށް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން އަތޮޅުގެ ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން ވެފައިވާ އެއްވަސްވުންތަކުގެ ދަށުން ފުރަތަމަ ޒުވާންކުދިންވަނީ ބ.އޭދަފުށިން ހޮވާލާފައެވެ. މީގެ ޕްރޮގްރާމްތައް ލ.އަތޮޅުގައާއި ފުވައްމުލަކުގައި ކުރިއަށް ގެންދިޔުމަށް މިހާރުވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
ފަހަކަށް އައިސް އަންހެން ފުޓުބޯޅަ ތަރައްޤީ ކުރުމަށް މަސައްކަތް ކޮންމެވެސް ވަރަކަށް ކުރެވެމުން އައިނަމަވެސް ހަޤީޤީ ކުލަޖެހި ރަސްމީ ސިފައެއްގައި އެއްވެސް ބޮޑު ހަރަކާތެއް ކުރިއަށް ގޮސްފައެއްނުވެއެވެ. ޤައުމީ އަންހެން ޓީމްގެ ކޯޗް މިކަމާ ވާހަކަ ދައްކަމުން ބުނިގޮތުގައި އަންހެން ފުޓުބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމަށް އެތަށް މަސައްކަތެއް ކުރަން އެބަޖެހެއެވެ. އެގޮތުން އެއް މަސައްކަތް ކަމަށްވާ އަންހެން ފުޓުބޯޅަ އެކެޑަމީ ދާދިފަހުން އެފް.އޭ.އެމްއިން ފަށާފައިވާއިރު، އެއީ އަންހެން ފުޓުބޯޅައިގެ ބިންގާކަމަށް އާތީ ފާހަގަކުރިއެވެ. މޮޅެތި އަންހެން ކުޅުންތެރިން އުފެއްދުމުގެ ގާބިލިއްޔަތުކަން އެބަހުރިކަން ފާހަގަ ކުރަމުން ކޯޗް ބުނުއްވީ ޤައުމީ ޓީމަކާ އެކެޑަމީއެއް އޮތުމަކުން އަދި ނުފުދޭކަމަށެވެ. ފިރިހެން ފުޓުބޯޅައާއި އެއްފަދައިން އެކި އުމުރުފުރާތަކުގެ ޤައުމީ ޓީމް އޮންނަންޖެހޭކަމާއި، އެކުދިންވެސް ގަވާއިދުން ކުޅޭނެ މެޗުތައް އޮންނާނެހެން މުބާރާތްތައް އިންތިޒާމް ކުރުމުގެ މުހިންމުކަން ކޯޗް ފާހަގަކޮށްފައިވެއެވެ. އެފް.އޭ.އެމްއިން މިހާރުދަނީ އެގޮތުން 19 އަހަރުން ދަށުގެ އަންހެން ޓީމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެފް.އޭ.އެމްއިންވަނީ 2017ވަނަ އަހަރު އަންހެން ލީގެއް ބާއްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެ ލީގު ކެންސަލް ކުރެވުނެވެ. ނިއު ރޭޑިއަންޓް އެކަނި ބައިވެރިވި އިރު އެހެން ޓީމްތަކުން ބުނިގޮތުގައި ލީގު އިއުލާންކުރީ މާލަހުންކަމުން މުބާރާތަށް ފަރިތަކުރާނެ ވަގުތެއް ނެތުމުން ބައިވެރިނުވީކަމަށެވެ.
ދިވެހި ފުޓުބޯޅަ ތަރައްޤީ ކުރުމަށް އެޅޭ މިފަދަ ކޮންމެ ފިޔަވަޅަކީ އާންމުންގެ ތަރުހީބު އެކަމަށް ލިބެންޖެހޭފަދަ ކަނަކަމެވެ. ދާދިފަހުން އަންހެން ޤައުމީ ޓީމްވަނީ ސިންގަޕޫރުގައި ބޭއްވުނު ކުއަޑްރަންގިއުލާރ މުބާރާތުގެ ތިންވަނަ ހޯދާ ދިވެހިން އުފާކޮށްދީފައެވެ. ބޯޅަ.އެމްވީއިން އެދެނީ ދިވެހި ފުޓުބޯޅައަށް މިފަދަ އުފާވެރި ދުވަސްތަށް ގިނަގިނައިން ފެނުމުގެ ނަސީބު މިންވަރުކުރެއްވުމެވެ.
ފޮޓޯ: ފޭސްބުކް/އެފް.އޭ.އެމް
Maldives Women's Towards Future