News
އޭ.އެފް.ސީ ކޮލިފިކޭޝަންގައި ގަލްފުގެ ގަދަބާރުތަކާ ވާދަކުރާނީ ވަރުގަދަ ދިވެހި ޒުވާން ޓީމެއް
17 މާރިޗު 2019
ސައުދީގައި އޮތް އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަން ކުޅުމަށް ކުޅުމަށް ފިލިޕީންސްގައި ފަރިތަކުރަމުން އައި ދިވެހި ޓީމްގެ ފަރިތަކުރުންތަށް މިއަދު ނިންމާލައިފިއެވެ. އެސިސްޓަންޓް ކޯޗް އަހްމަދު ޝާކިރުގެ އިރުޝާދުގެ ދަށުން ޤައުމީ ޒުވާން ޓީމް ފަރިތަކުރުމުގެ މެޗުތަކެއްވެސްވަނީ ފިލިޕީންސްގައި ކުޅެފައެވެ.
އެގޮތުން ބަލާލާއިރު އެންމެ ފަހުން ހޮނިހިރު ދުވަހު ކުޅުނު މެޗުގައި އަރެޔާނޯ ޔުނިވަރސިޓީގެ ޓީމާ ވާދަކޮށް ދިވެހި ޓީމް ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުން މޮޅުވެފައެވެ. 0-4ގެ ނަތީޖާއަކުން ދިވެހި ޓީމް ކުރި ހޯދި އިރު ކޯޗް ޝަކިއްޓޭވަނީ ޒުވާން އެތަށް ކުޅުންތެރިންނަށް މިމެޗުގައި ކުޅުމުގެ ފުރުސަތުވެސް ދީފައެވެ. ފިލިޕީންސްގެ ލީގުގައި ވާދަނުކުރާ ޓީމެއް ނަމަވެސް މިމެޗުން ވަރަށް ގިނަ ކަންކަން ދިވެހި ޓީމަށް ދަސްވި ކަމަށް ޓީމުގެ މެނޭޖަރ މުހައްމަދު އީސާ (މޯ) ވަނީ ބުނެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ގޯލްތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެ ހާފުގެ ހަމައެކަނި ގޯލް ދިވެހި ޓީމަށް ކާމިޔާބު ކޮށްދިނީ 40ވަނަ މިނިޓުގައި މުހައްމަދު ނިޔާޒެވެ. ނަމަވެސް ކުޅުން ރަނގަޅުކޮށް ދެވަނަ ހާފު ފަށައި ދިވެހި ޓީމުން ވަނީ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ދެވަނަ ހާފު ފެށުނުތަނާހެން ފޯކައިދޫއަށް ފާހަގަކުރެވޭފަދަ މޮޅު ކުޅެމުން އަންނަ މުހައްމަދު ޖައިލަމް (އޮގީ) ވަނީ ދިވެހި ޓީމަށް އިތުރު ގޯލެއް ޖަހައިދީފައެވެ. ޝަކިއްޓޭ ޓީމަށް ގެނައި ބަދަލުތަކާއެކު ދިވެހި ޓީމުގެ ބުންވަރު އާވެ އިތުރު ނުރައްކާތެރި ހަމަލާތަށް ގޯލަށް އަމާޒުވާން ފެށިއެވެ. ތިންވަނަ ލަނޑު މުހައްމަދު ރިހާމް (ބޮބީ) ކާމިޔާބުކުރިއިރު އެންމެ ފަހު ގޯލް ކާމިޔާބު ކޮށްދިނީ ޔޫތު މުބާރާތުގައި ގްރީން ސްޓްރީޓްސްއިން ވިދާލި އަބްދުﷲ ޔާމީނެވެ.
ފިލިޕީންސްގައި ޤައުމީ ޓީމް މޮޅުވި މިއީ ދެވަނަ މެޗެވެ. ކުރިން ކުޅެވުން ދެ މެޗުގެ ތެރެއިން ފުރަތަމަ ކުޅެފައިވަނީ ފިލިޕީންސް ލީގުގައި ކުޅެމުން އަންނަ ސްޓޭލިއަންއާއެވެ. މިއީ މިދިޔަ އަހަރު ފިލިޕީންސް ލީގުގެ ހަތަރުވަނައިގައި ނިންމާލި ޓީމެކެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ދިވެހި ޓީމެވެ. ޔޫތު މުބާރާތުގައި ގްރީން ސްޓްރީޓްސްއިން ވިދާލި އަބްދުﷲ ޔާމީން 25ވަނަ މިނިޓުގައި ޖަހައިދިން ގޯލުންނެވެ. މެޗަށް ހޭނުމަށްފަހު، ސްޓޭލިއަންއަށް މެޗުގެ ނަތީޖާ އެއްވަރުކުރެވޭ ގޮތްވީ މެޗު ނިމެން ވިހި މިނެޓަށް ވެފައި އޮއްވައެވެ.
ދެވަނަ މެޗުގައި އެޤައުމުގެ ލީގުގައި ވާދަކުރާ އެހެން ޓީމެއް ކަމަށްވާ މެންޑިއޯލާއާ ދެކޮޅަށް ކުޅެ ދިވެހި ޒުވާން ޓީމްވަނީ މޮޅުވެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިބުން ޕެނަލްޓިއަކުން ހަސަން ރާއިފް އަހްމަދު ދިވެހި ޓީމަށް ގޯލް ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޔޫތު މުބާރާތުން ވިދާލި އެހެން ތަރިއެއް ކަމަށްވާ ހަސަން ނަޒީމް ގާސިމެވެ. 0-2ން ދިވެހި ޓީމް މިމެޗުން މޮޅުވިއިރު މިއީ ޒުވާން ޓީމަކާ ބަލާފައި ވަރަށްވެސް ރަނގަޅު ނަތީޖާއެކެވެ.
މާދަމާ ޒުވާން ޓީމް ސައުދީއަށް ފުރާއިރު ތިން ކުޅުންތެރިން ބާކީ ކުރުމަށްފަހު 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑްވެސް ވަނީ މިއަދު އިއުލާން ކޮށްފައެވެ. އެގޮތުން ބާކީކޮށްފައިވަނީ ދިވެހި ޤައުމީ ޓީމްގެ ކުރިމަގަށް ބެލުމަށްފަހު ތަމްރީންތަކުގައި ބައިވެރިކުރަން ނިންމި މުބާރާތުގެ އުމުރުފުރައަށްވުރެ އުމުރުން ބޮޑު ނަމަވެސް ޒުވާން ކީޕަރ ލަބާންއާއި، އިސްމާއީލް ހަމްދޫން އާއި ޒަޔާން ނަސީރުގެ އިތުރުން އިބްރާހިމް އިސްމާއީލް އެވެ. މީގެ ތެރެއިން އިބްރާހިމް އިސްމާއިލް ސްކޮޑުން ބާކީ ކޮށްފައިވަނީ އޭނާގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ހިމެނިފައިވަނީ އަރަބި ގަލްފުގެ ގަދަބާރުތައް ކަމަށްވާ ސައުދީ، ޔޫ.އޭ.އީ އަދި ލުބްނާނާއެކު ގްރޫޕް ޑީގައެވެ.
ކޮލިފިކޭޝަނަށް ކުޑަ ނަޒަރެއް ހިންގާލާއިރު ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ސައުދީއާއި ދެކޮޅަށް މާޗްމަހުގެ 22ވަނަ ދުވަހުގެރޭ ރާއްޖެގަޑިން 10:25ގައި 23 އަހަރުން ދަށުގެ ދިވެހި ޓީމް ނިކުންނާނެއެވެ. އަދި އެއަށްފަހު ޔޫ.އޭ.އީއާއި ދެކޮޅަށް 24ވަނަ ދުވަހުގެރޭ ރާއްޖެގަޑިން 7:25ގައި ކުޅޭނެއެވެ. އަދި 26ވަނަ ދުވަހުގެރޭ ރާއްޖެގަޑިން 7:25ގައި ލުބުނާނާއި ދެކޮޅަށް ކޮލިފިކޭޝަންގެ ފަހު މެޗުގައި ވާދަކުރާނެއެވެ.
ކޮލިފިކޭޝަނަށް ގުރުލާފައިވަނީ މިދިޔަ 2018ވަނަ އަހަރުގެ ނޮވެމްބަރ 7 ގައި މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭ.އެފް.ސީ ހައުސްގައެވެ. އޭ.އެފް.ސީގެ މެމްބަރު 47 ޤައުމުގެ ތެރައިން ކޮލިފިކޭޝަންގައި ބައިވެރިވަނީ 44 ޓީމެވެ. އެއީ ބައްރުގެ ހުޅަނގު ޒޯނުން 24 ޤައުމާއި އިރުމަތީ ޒޯނުން 20 ޓީމެވެ، ކޮންމެ ގްރޫޕަކަށް 4 ޓީމް ވާނެހެން 11 ގްރޫޕަށް ބަހާލެވިގެން ކުރިއަށްދާ ކޮލިފިކޭޝަންއިން މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި އެންމެ މަތިން ޕޮއިންޓް ހޯދާ ގްރޫޕުގެ ދެވަނަ މަގާމުގައި ނިންމާލާ 4 ޓީމެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލޭންޑެވެ.
މުބާރާތް ބޭއްވޭނީ ތައިލޭންޑުގައެވެ. އެހެންކަމުން ތައިލޭންޑަށް މުބާރާތުގެ ޖާގައެއް ކޮލިފައިން ނުކުޅެ ޔަގީންވާނެއެވެ. ނަމަވެސް ތައިލޭންޑް ކޮލިފައިން ކުޅުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ތައިލޭންޑް އިންނަ ގްރޫޕުން އެއްވަނައަށް ނުވަތަ އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ 4 ޓީމް ތެރޭގައި ތައިލޭންޑް ހިމެނިއްޖެނަމަ 5 ވަނައަށް އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ ޓީމް މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނެއެވެ.
ޔޫތު ޗެމްޕިއަންޝިޕުގައި ވިދާލި އެތައް ކުޅުންތެރިންތަކަކާއެކު މިފަހަރު ތަމްރީންތަކުގައި ފިލިޕީންސްގައި ދިވެހި ޓީމަށް އިސްވެ ކޯޗްކުރަމުން އަންނަނީ އަހްމަދު ޝާކިރު (ޝަކިއްޓޭ)އެވެ. އޮންލައިން ނޫހެއް ކަމަށްވާ މިހާރަށް ޤައުމީ ކޯޗް ޕިޓާ ސެގަރޓް ދެއްވި އިންޓަރވިއުއެއްގައި ބުނިގޮތުގައި މިއީ އެފް.އޭ.އެމްއިން ދިވެހި ކޯޗުންނަށް އިތުރު ފުރުސަތު ތަނަވަސް ކޮށްދިނުމަށް އޭނާ ކައިރީ އެދިފައިވާތީ ޝަކިއްޓޭއަށް އޭނާ ދޭން ބޭނުންވި ފުރުސަތެއް ކަމުގައެވެ. މީގެއިތުރުން ސެގަރޓްވަނީ ޝަކިއްޓޭގެ މަސައްކަތަށް ތައުރީފު ކޮށްފައެވެ. ސެގަރޓް ބުނިގޮތުގައި ޤައުމީ ޒުވާން ޓީމަށް މިފަހަރު ސައުދީގައިވެސް އިސްވެ އިރުޝާދު ދެއްވާނީ ޝަކިއްޓޭއެވެ. މިއީ ދިވެހި ކޯޗުންނަށް ލިބޭ ފަޚުރެއގެ ގޮތުގައި ސެގަރޓްވަނީ ސިފަކޮށްފައެވެ.
މާދަމާ ޤައުމީ ޒުވާން ޓީމް ސައުދީއަށް ފުރާއިރު ޓީމުން އެދެނީ އެންމެ ކަމެކެވެ. ސަޕޯޓަރުންގެ ތަރުހީބަށެވެ. ގަދަބާޜުތަކާ މުބާރާތުގެ ކޮލިފިކޭޝަން ކުޅެން ޖެހުނު ކަމުގައިވިޔަސް ޤައުމު އެކީ މިޒުވާނުންނަށް ތަރުހީބުދީފިނަމަ މިއީ އިރާދަކުރެއްވިއްޔާ ނުވާނެ ކަމެއް ނޫންކަން ޔަޤީނެވެ. ބޯޅަ.އެމްވީއިން އެދެނީ ޒުވާން ޓީމަށް ކާމިޔާބީއެވެ.
މުބާރާތުގައި ވާދަކުރާ 23 އަހަރުން ދަށުގެ ދިވެހި ޓީމްގެ ސްކޮޑް
އަބްދުﷲ ޔާމީން، ނަޝާހް އަހްމަދު، އިބްރާހިމް އައިސަމް، އަލީ ހަމްދާން، އަލީ ޝަމާލް އަބްދުﷲ، އަލީ ސޮލާހް، އައްޒާމް އަބްދުﷲ، މުހައްމަދު ފަރުހާން، ހައިޝަމް ހަސަން، ހަސަން ނަޒީމް، ހުސައިން ޝަރީފް، އިބްރާހިމް އަތީގް ހަސަން، މުހައްމަދު ޖައިލަމް، މުހައްމަދު ޝަހާއު، ނިޝާމް މުހައްމަދު ރަޝީދު، ރިހާމް އަބްދުލް ގަނީ، ޝައިފްﷲ އިބްރާހިމް، މަޖުދާން ސޯލިހް، ހަސަން ރާއިފް އަހްމަދު، މުހައްމަދު ސާދު ނިޒާރު، މުހައްމަދު ނިޔާޒު، މުހައްމަދު ސިނާހް، އަލީ ނާޖިހް
ފޮޓޯ: ވަގުތު
(އަޙުމަދު ޝާކިރު (ޝާކިއްޓެ 2020 AFC U-23 Championship Qualification Maldives National Team Towards Future