News

ފުޓުބޯޅައަށް ލޯބިކުރާ އޭދަފުށީގެ އެތައް ބައެއްގެ އުންމީދު މާދަމާ ހަޤީޤަތަކަށް

16 މާރިޗު 2019






ބ.އޭދަފުއްޓަކީ ދިވެހި ފުޓުބޯޅައަށް އައު ރަށަކަށް ނުވާނެއެވެ. އެންމެ މޮޅެތި ކުޅުންތެރިން އެރަށަކަށް އުފަންވާ އޭދަފުށިގެ އެތަށް ބައެއްގެ ހުވަފެންތައް މާދަމާ ހަޤީޤަތަކަށް ވެގެންދާނެއެވެ.

ފުޓުބޯޅައަށް އިންތިހާއަށް ލޯބިކުރާ ރައްޔިތުން ދިރިއުޅޭ އޭދަފުއްޓަކީ އެރަށުގެ ރައްޔިތުން ކުޅެ ހެދުމަށް އަދި އެރަށުގެ ކްލަބުތައް ރަނގަޅަށް ރަށުގައި ފަރިތަކުރުމަށާއި މުބާރާތްތައް ބޭއްވޭފަދަ ރަނގަޅު ފެންވަރުގެ ދަނޑަކަށް ބޭނުންޖެހިފައި އޮތް ރަށެކެވެ. ދިވެހި ޕްރިމިއަރ ލީގު އަދި ޔޫތު ޗެމްޕިއަންޝިޕްގައި އެރަށުގެ ޓީމްތައް ވާދަކުރާއިރު އެންމެ ބޮޑޫ އެއް ޝަކުވާއަކަށް ވެފައިވަނީ ރަށުގައި ކުޅެހަދާ ފަރިތަކުރުންތަކަށް އަރައިގެންދާ ބޫޓު މާލޭގައި ކުޅުމަށް އެކަށީގެންނުވުމުގެ ޝަކުވާއެވެ. މާލެއަށް އައިސް އުން ބޫޓު ޖެހެނީ އަލުން ހޯދާށެވެ. ރަށުގައި ގިނަ ދުވަސްތައް ހޭދަ ކުރާއިރު ކުޅުންތެރިން ކުޅުމަށް އަދި ފަރިތަކުރުމަށް ރަށުގައި ބޭނުން ކުރަން ޖެހެނީ އުންނުޖަހާ ހުންނަ ބޫޓެވެ. މީގެ އިތުރުން ފަރިތަކުރުންތަކަށް ކުރީބައިގައި މާލެ އަންނަން ޖެހުމަކީވެސް ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިކަމެކެވެ. ދެމެޗު ދޭތެރޭ ލިބޭ އަރާމުގެ ވަގުތު މަދުވެއެވެ. ހުރުމުގެ ހަރަދު އިތުރުވެ ޓީމުގެ ކުޅުމަށް ދަތުރުވަރުބަލީގެ ނޭދެވޭ އަސަރު ކުރުމެވެ. މިއީ ހައްތަހާވެސް އަތޮޅު ތެރެއިން މާލެއަށް ކުޅުމަށް އަންނަ ޓީމެއްގެ ހުންނަ ޝަކުވާތަކެވެ. ޚާއްސަކޮށް އޭދަފުށި ފަދަ ފުޓުބޯޅައަށް ލޯބިކުރާ ރަށަކުން މިފަދަ ޝަކުވާތައް ގިނަވުމަކީ އެކަމާމެދު ވިސްނާލަން ޖެހޭވަރުގެ ކަމެކެވެ.

އޭދަފުށި ރައްޔިތުންނަށް މާދަމާ މިފަދަ ހުރިހާ ޝަކުވާއެއްގެ ނިމުން އަންނާނެއެވެ. އޭދަފުށިގައި މާދަމާ ދިވެހިރާއްޖޭގައިވެސް ހެދުނު އެންމެ މަތީ ފެންވަރުގެ ޓަރފް ދަނޑު ހުޅުވިގެންދާނެއެވެ. މިއީ އޭދަފުށީގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންވެސް އުފާކުރަންޖެހޭވަރުގެ ކަމެކެވެ. މާދަމާ ވެގެންދާނީ ދިވެހި ފުޓުބޯޅައިގެ ތަރައްޤީގައި ކުރިން ނުދެކޭފަދަ ކުލަގަދަ ދުވަހަކަށެވެ.

ދަނޑު ހުޅުވުމުގެ ގޮތުން ޚާއްސަ މެޗެއް ކުޅެވޭނެއެވެ. އެގޮތުން އެފް.އޭ.އެމްއިން ހޮވާލާ ޓީމަކާއި އޭދަފުށިން ހޮވާލެވޭ ޓީމެއް ވާދަކުރާ މެޗެއް ކުޅެވިގެންދާނެއެވެ. މިގޮތުން މެޗުގައި ވާދަކުރާ ދެ ޓީމަށްބަލާލާއިރު އެފް.އޭ.އެމް ޓީމުން ޤައުމީ ޓީމުގެ ވަރަށް ގިނަ ކުޅުންތެރިން ފެނިގެންދާނެއެވެ. ނަމަވެސް އޭދަފުށި ޓީމް ވަކި ދެރައެއް ނުވާނެކަމާއި އެ ޓީމް ބަލިކުރަން އުނދަގޫވާނެކަމަށް އެ ޓީމަށް ކޯޗްކޮށްދެމުން އަންނަ ކުރީގެ ޤައުމީ ޓީމްގެ އެސިސްޓަންޓް ކޯޗްގެ އިތުރުން ނިއުއަށް އެތަށް ސީޒަނެއްގެ ކާމިޔާބީ ހޯދައިދީފައިވާ މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބުނެފައެވެ. އެގޮތުން އެ ޓީމުން ޤައުމީ ޓީމަށް ކުޅެމުން އަންނަ އޭދަފުށީގެ މޮޅު ދެކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އޭދަފުށި ޓީމުން ފެނިގެންދާނެއެވެ. މީގެއިތުރުން ޓީސީގައި މޮޅު ކުޅުމެއް މިދިޔަ ސީޒަނުގައި ދެއްކި އިޝާން އިބްރާހިމް (ސައްޓު)ވެސް އެޓީމުން ފެނިގެންދާނެއެވެ.

އެފް.އޭ.އެމްގެ ޓީމް

އަލީ އަޝްފާގް (ދަގަނޑޭ)، މުހައްމަދު އާރިފް (ބަކާ)، އިސްމާއީލް އީސާ (މެސީ)، އަހުމަދު ފައްރާހް (ފައްރަ)، އަކްރަމް އަބްދުލްގަނީ (އަކޫ)، އަހުމަދު އަބްދުﷲ (ލިލީ)،ހުސައިން ނިހާން (ނިހާޓް)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، މުހައްމަދު އައްޒާމް، މުހައްމަދު އުމެއިރު، ޔަސްފާދު ހަބީބު (މުލަކޭ)، އިމްރާން ނަޝީދު، މުހައްމަދު ސާމިރު، ހުސައިން ސިފާއު ޔޫސުފް (ކުރޯ)، މުހައްމަދު ރަޝީދު (ހޮކޭ)، އައްސަދު އަލީ (އަޑުބަރޭ)، އަހުމަދު އިމާޒް (އާއްކޮ)، މުހައްމަދު އިމްރާން (ގކ)

 

މިދަނޑުގެ ސަބަބުން ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް އިތުރު ފަސޭހަތަކެއްގެ އިތުރުން މުސްތަޤްބަލުގައި މުބާރާތްތަށް ބާއްވާ މިދަނޑޫގެ ހަޤީޤީ މަންފާ ހާސިލްކުރެވޭނެކަމަށް ގިނަބަޔަކު ދެކެއެވެ. "މުސްތަގްބަލަށް މިއީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. ހަމަގައިމުވެސް ކުރިން ބޯޅަ ކުޅެމުންދިޔަ ދަނޑަކީ ވަރަށް ކުރިންސުރެ އަޅުގަނޑު ހަމަ ދެކެ ފަރިތަ ދަނޑެއް. ވަރަށް ގިނައިން އާދެވިފަ ހުރި އެއް ރަށް އޭދަފުށްޓަކީ. އެހެންވީމަ އެ ދަނޑުގެ ހާލަތަކީ އަނެންހެން ބުނަންޏާ މި ދަނޑާ އަޅާ ބަލާފަ ހަމަ ވަރަށް ބޮޑު ތަފާތެކޭ ދަންނަވަން ޖެހެނީ" ކޯޗް މޯހަން އޭދަފުށި ޓައިމްސްއަށް ދެއްވި އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

ދަނޑާއި އޭދަފުށީގެ ފުޓުބޯޅައަށް ކުޑަ ނަޒަރެއް ހިންގާލާއިރު މިއީ އޭދަފުށީގެ އާންމު ރައްޔިތެއް ކަމަށްވާ ކްރައުން ކޮމްޕެނީގެވެސް ބޮޑު ހިއްސާދާރެއް ކަމަށްވާ އަހްމަދު ނަޒީރުގެ އަމިއްލަ ޚަރަދުގައި އެޅިގެންދާ ދަނޑެކެވެ. މިއީ އަމިއްލަ ފަރާތަކުން ދިވެހި ފުޓުބޯޅައަށް ކޮށްދީފައިވާ އެންމެ ބޮޑު ޚަރަދުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ދަނޑުގެ މަސައަކަތް ކުރިއަށް ގެންދިޔުމާއި ހަވާލުވެ ހުންނެވި ބޭފުޅެއް ވިދާޅުވި ގޮތުގައި މިދަނޑަކީ އޭ.އެފް.ސީ އަދި ފީފާގެ މިންގަނޑުތަކަށް ފެތޭ ފެންވަރުގެ ދަނޑެކެވެ. އަދި މިދަނޑުގައި އެޅޭ ޓަރފްއަކީ ފީފާއިން ގަބޫލުކުރާ ފެންވަރަށް ޓަރފް ދުނިޔޭގައި ހަދާ 7 ކުންފުނީގެ ތެރެއިން އެއް ކުނފުނި ކަމަށްވާ ލިމޮންޓާ ސްޕޯޓްސް އެސް.ޕީ.އޭ އިންނެވެ. މިދަނޑުގައި އެޅިގެންދާނީ މިކުންފުނިން އުފައްދާ އެސްޕީމެކްސް45 ގެ ޓަރފެކެވެ.

މިއީ ރާއްޖޭގައި ބިމުގެ ފަސްހަރުކޮށްގެން އާންމުކޮށް އަޅާ ދަނޑުތަކާއި ބަލާފައި ވަރަށް ތަފާތުކޮށް އެޅިގެންދާނެ ދަނޑެކެވެ. އެގޮތުން ބިން ފުނަށް ކޮނުމަށްފަހު އޭގެ މައްޗަށް 3000 ޓަނުގެ ފުނޑުކުރި ހިލަވެލިއަޅާ ބިން އެއްވަރު ކުރެވިގެންދާނެ އެވެ. އަދި އޭގެ މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ފެން ނުވަންނަ ފަށަލަ އެއް ނުވަތަ ވޯޓަރ ޕްރޫފް މެމްބްރޭންއެއް އެޅޭނެއެވެ. އަދި އޭގެ މަތީ ޝޮކްޑްރެއިން ނިޒާމު ގާއިމުކުރެވިގެންދާނެއެވެ. މި ނިޒާމަކީ އާންމުކޮށް ބިމުގެ ފަސްހަރުކޮށްގެން އެޅޭ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށް ދޭނެ ނިޒާމެކެވެ. ނަމަވެސް މި ނިޒާމުގެ މައި މަގްސަދަކީ ދަނޑުގެ އަޑިއަށް ފެން ދިޔަނުދީ، ވަށައިގެން ހެދޭ ކާނުގަނޑުތަކަށް ފެނދާނެގޮތް ހެދުމެވެ. މިކަމުގެ ވާރޭ ވެހުނަސް ދަނޑު ޗަކަ ނުވެ ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު އެއްވެސް ހުރަހަކާނުލާ ވާރޭގައިވެސް ދައްކާލެވޭނެއެވެ. x11479 އަކަމީޓަރގެ މިދަނޑު ނިމިގެންދާއިރު ލެޑް ލައިޓިންގ ސިސްޓަމެއްވެސް ހުންނާނީ ގާއިމްކުރެވިފައެވެ.

ބ.އަތޮޅުގެ ފުޓުބޯޅައިގެ މައި މަރުކަޒުގެ ގޮތުގައި ތަރައްޤީ ކުރެވެމުން އަންނަ އޭދަފުއްޓަށް މިދަނޑުގެ ސަބަބުން ގިނަ ފުރުސަތުތައް ފަހިވެ އެތައް ފަސޭހަތަކެއް ވެގެންދާނެއެވެ. އެ އަތޮޅަކީ ޤައުމީ ފެންވަރުގައި ވިދާ ކުޅުންތެރިން އުފައްދަމުން އަންނަ އަތޮޅެކެވެ. އެގޮތުން މުހައްމަދު ޖަމީލް (ޖަމްބޭ) އާއި ސާފް ސުޒުކީ ކަޕްގައި ރާއްޖެއަށް މިދިޔަ އަހަރު ތަށި ޔަޤީންކޮށްދިން ލަނޑުޖަހައިދިން އެ މެޗުގެ ބޮޑު ބައެއްގައި ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރި އަލީ ފާސިރު (ސެންޓޭ) ހިމެނެއެވެ. އޭދަފުށީގައި ސީ ލެވެލ ގެ ކޯޗިންގ ކޯހެއް ވަނީ އެފް.އޭ.އެމް އިން ވަރަށް ފަހުން ހިންގާފައެވެ. އަދި އެއަތޮޅުގައި ފުޓުބޯޅަ އެކެޑަމީއެއް ގާއިމު ކުރެމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މިދަނޑަކީ ދިވެހި ޕްރިމިއަރ ލީގު އަދި ޤައުމީ ފެންވަރުގެ މެޗުތަށް ކުޅެވިގެންދާނެ ފެންވަރަށް އެޅިގެންދާ ދަނޑެކެވެ. އިންޓަރސްކޫލް މުބާރާތްތައް ފަދަ ވާދަވެރި މުބާރާތްތައް ބޭއްވުމަށް މިދަނޑުގެ ބޭނުން ހިފިގެންދާނެއެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ އޭދަފުށީގެ ޓީމް ޕްރިމިއަރ ލީގާއި ޔޫތު ޗެމްޕިއަންޝިޕްގައި ވާދަ ކުރާކަމެވެ. މީގެ އިތުރުން އިންޓަރސްކޫލް 18 އަހަރުން ދަށުގެ މުބާރާތުގެ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމްވަނީ ވާދަ ކޮށްފައެވެ.

މިދަނޑު ހުޅުވޭ ދުވަސް ވެގެންދާނީ ހަމަގައިމުވެސް ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ރަންއަކުރުން ފެވޭނެ ބޮޑު ދުވަހަކަށެވެ. ބޯޅަ.އެމްވީއިން އެދެނީ މިފަދަ ގިނަ ފަހި އަދި އުފާވެރި ދުވަސްތަށް ދިވެހި ފުޓުބޯޅަ އާއިލާ ކުރިއަށް އޮތްތާނގައި ގިނައިން ދެކުމެވެ.

ފޮޓޯ: އޭދަފުށި ޓައިމްސް

FAM Towards Future

Leave a Comment:

Comments will be published after moderation.