News
ޤައުމީ އަންހެން ޓީމަށް އައު އަހަރަށް ހިތްދަތި ފެށުމެއް
16 މާރިޗު 2019
މިއަދު ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އަދި އަވައްޓެރި ސްރީ ލަންކާ ކުޅުން މެޗު ލަންކާއިން 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދިވެހި ޓީމް ކަޓުވާލައިފިއެވެ.
ކުޅުން ދެމެޗުންވެސް ދިވެހި ޓީމް ބަލިވެފައިވާއިރު ދިވެހި ޓީމް ކޮޅަށްވަނީ މުޅިއަކު އަށް ގޯލް ވަދެފައެވެ. އެއީ އިންޑިޔާ ދިވެހިން ކޮޅަށް ޖެހި ހަ ގޯލްގެ އިތުރުން މިއަދު ދިވެހި ޓީމް ކޮޅަށް ވަތް ދެ ގޯލެވެ. ހިތާމައަކީ މިއަހަރުގެ މުބާރާތް ދިވެހި ޓީމް ނިންމާލިއިރު ދިވެހި ޓީމަށް ގޯލެއް ޖެހިފައިނުވާކަމެވެ.
މިމެޗުގައި މޮޅަށް ކުޅުނު ލަންކާގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 40ވަނަ މިނިޓުގައި އެޓީމަށް ލިބުނު ހިލޭޖެހުމަކުންނެވެ. ކީޕަރ އަތުން ދޫވި މި ހަމަލާ ގޯލަށް ޖަހާ ލީޑް ނެގުމަށްފަހު އެ ހާފް ނިމިގެން ދިޔައެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓުގައި ލަންކާ ޓީމުން ނެގި ހުރަހެއް އެއްފަހަރުން ގޯލްގެ މަތީކަނަށް ފޮނުވާލީ ޗަލީނީއެވެ.
މިބަލީގެ ސަބަބުން ދިވެހި ޓީމް މުބާރާތުން ކަޓާފައިވާއިރު ސެމީގައި ގްރޫޕް ބީ އިން ވާދަކުރާނީ އިންޑިޔާ އަދި ލަންކާއެވެ. ގްރޫޕް އޭގެ ދެމެޗުން ބަލިވެ ބޫޓާންވެސް ވަނީ މުބާރާތާ އަލްވަދާއު ކިޔާފައެވެ. އެ ގްރޫޕްއިން ސެމީއަށް ދަތުރުކުރީ ނޭޕާލް އަދި ބަންގްލަދޭޝްއެވެ. ހަ ޤައުމު ވާދަކުރާ މިމުބާރާތުގައި ގޯލެއް ނުޖަހާ ރާއްޖެ މުބާރާތް ނިންމާލި މިޢީ ފުރަތަމަ ފަހަރެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ ދިވެހި ޓީމުގެ ދިފާއީ ދެ ތަނބާނުލާ މިމުބާރާތް ދިވެހިން ކުޅުނު ކަމެވެ. އެއީ ޒާހިޔާ އަހްމަދު (ޒެޑޭ) އަދި ސަންފަ އިބްރާހިމްއެވެ. އަށްއަހަރު ޤައުމީ ޓީމަށް ކުޅެދީފައިވާ މިދެކުޅުންތެރިންނަށް ލިބުނު އަނީޔާގެ ސަބަބުން މުބާރާތުގައި ކުޅެވޭ ގޮތް ނުވިއެވެ. ޒެޑޭއަށް އަނިޔާވީ ބަހްރެއިންއާއި ދެކޮޅަށް ދިވެހިން ކުޅުން މެޗެއްގައި އަތްބިންދައިން ގޮސްގެން މިދިޔަ ޑިސެމްބަރު މަހުގައެވެ. މިއަނިޔާގެ ސަބަބުން ކުޅުމާދުރަށް ދެ އަހަރަށް ޒެޑޭ ދިޔުމަށް މަޖުބޫރުވެފައިވާއިރު އޭނާގެ ޒިންމާ ހަވާލުކޮށްފައިވަނީ ސަންފައާއެވެ. ނަމަވެސް މުބާރާތަށް ޔޫ.އޭ.އީގައި ތަމްރީން ކުރަމުން ދިޔަ ދިވެހި ޓީމްގެ މުހިންމު މިކުޅުންތެރިޔާއަށް އަނިޔާވީ ފަރިތަކުރުންތަކުގެ ތެރޭގައެވެ. ސަންފަގެ ފައިގެ ލިގަމެންޓް އިރައިގެން ދިޔައުމުގެ ސަބަބުން މުބާރާތުގައި ކުޅުމަށް ސަންފަވެސްވަނީ ނުކުޅެދިފައެވެ.
މިފަދަ މުހިންމު މަގާމުތަކުގައި ދަނޑުމަތީގައި ތިބޭ ކުޅުންތެރިންނަށް އިތުރު ތަމްރީންގެ އިތުރުން ކުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ ވަރަށް މުހިންމުކަމެކެވެ. އެއްވެސް މުބާރާތެއް ނުކުޅެ ޤައުމު ތަމްސީލްކުރުމަށް މުބާރާތްތަކަށް ދިވެހި އަންހެން ޓީމް ތައްޔާރުވާއިރު، ކުޅުންތެރިން އުފެއްދުމަށް ޤައުމީ އަންހެން ލީގެއް ނުވަތަ މުބާރާތެއް ނެތްކަން ފާހަގަކޮށްލަން ޖެހެއެވެ.
ނަމަވެސް މި ބަލިތަކަކީ މިދިޔަ އަހަރު ދިވެހި އަންހެން ޤައުމީ ޓީން ހޯދި ކާމިޔާބީތަށް ހަނދާނުން ފިލާދާވަރުގެ ބަލިތަކެއް ނޫނެވެ. ބަލިވުމުގެ ފިލާވަޅު ނެގި ޓީމަކަށް މޮޅު ހޯދުން އެއީ މާދުރުގައި އޮތް ކަމެއް ނޫނެވެ.
ފޮޓޯ: ގޯލްނެޕާލް
FAM Maldives Women's Towards Future Womens National Team