News
ޒުވާން ޤައުމީ ޓީމުން ފިލިޕީންސްގެ މެންޑިއޯލާ ބަލިކޮށްފި
15 މާރިޗު 2019
މިއަހަރުގެ ފިލިޕީންސްގެ ފުޓުބޯޅަ ސީޒަންގައި އެޤައުމުގެ އެންމެ މަތީ ފަންތީގެ ލީގުގައި ކުޅޭ މެންޑިއޯލާ އެފްސީއާ ކުޅެގެން ދިވެހި ޒުވާނުން ކުރިހޯދައިފިއެވެ.
އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންނަށް ސައުދީއަށް ފުރުމުގެ ކުރިން ފިލިޕީންސްގެ މެނީލާގައި ތައްޔާރުވަމުން އަންނަ ދިވެހި ޒުވާން ޤައުމީ ޓީމުންވަނީ ފިލިޕީންސްގެ ލީގަށް ތައްޔާރުވަމުން އަންނަ މެންޑިއޯލާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. މެންޑިއޯލާއަކީ މީގެކރުިން 2011ވަނަ އަހަރު ފިލިޕީންސްގެ ނެޝަނަލް ކްލަބް ޗެމްޕިއަންޝިޕްގެ ދެވަނަ ހޯދި ޓީމެކެވެ. މެޗުގެ ފުރަތަމަ ގޯލް، ލިބުނު ޕެނަލްޓީއަކުން 41ވަނަ މިނިޓުގައި ދިވެހި ޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ރާއިފް އަހްމަދެވެ. އެއަށްފަހު ދެވަނަ ހާފުގައި ފޯކައިދޫއިން މިފަހަރު ޔޫތު ޗެމްޕިއަނޝިޕްގައި ވިދާލި ހަސަން ނަޒީމް ގާސިމްއެވެ.
މިއީ ޒުވާން ޓީމް ފިލިޕީންސްއިން ތަޖުރިބާ ހޯދުމަށް ކުޅުނު ދެވަނަ މެޗެވެ. ތިންވަނަ މެޗެއް އަންނަ ހޮނިހިރު ދުވަހު ފިލިޕީންސްގެ ފެޑެރޭޝަންގެ ރަސްމީ މުބާރާތްތަކުގައި ވާދަކުރާ ޓީމެއް ކަމަށްވާ އަރެޔާނޯ ޔުނިވަރސިޓީގެ ފުޓުބޯޅަ ކްލަބާއެކު ކުޅެވޭނެއެވެ.
ޔޫތު ޗެމްޕިއަނޝިޕުގައި ވިދާލި އެތައް ކުޅުންތެރިންތަކަކާއެކު މިފަހަރު ތަމްރީންތަކުގައި ފިލިޕީންސްގައި ދިވެހި ޓީމަށް އިސްވެ ކޯޗްކުރަމުން އަންނަނީ އަހްމަދު ޝާކިރު (ޝަކިއްޓޭ)އެވެ. އޮންލައިން ނޫހެއް ކަމަށްވާ މިހާރަށް ޤައުމީ ކޯޗް ޕިޓާ ސެގަރޓް ދެއްވި އިންޓަރވިއުއެއްގައި ބުނިގޮތުގައި މިއީ އެފް.އޭ.އެމްއިން ދިވެހި ކޯޗުންނަށް އިތުރު ފުރުސަތު ތަނަވަސް ކޮށްދިނުމަށް އޭނާ ކައިރީ އެދިފައިއެވެ. މީގެއިތުރުން ސެގަރޓްވަނީ ޝަކިއްޓޭގެ މަސައްކަތަށް ތައުރީފު ކޮށްފައެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ހިމެނިފައިވަނީ އަރަބި ގަލްފުގެ ގަދަބާރުތައް ކަމަށްވާ ސައުދީ، ޔޫ.އޭ.އީ އަދި ލުބްނާނާއެކު ގްރޫޕް ޑީގައެވެ.
ކޮލިފިކޭޝަނަށް ކުޑަ ނަޒަރެއް ހިންގާލާއިރު ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ސައުދީއާއި ދެކޮޅަށް މާޗްމަހުގެ 22ވަނަ ދުވަހު 23 އަހަރުން ދަށުގެ ދިވެހި ޓީމް ނިކުންނާނެއެވެ. އަދި އެއަށްފަހު ޔޫ.އޭ.އީއާއި ދެކޮޅަށް 24ވަނަ ދުވަހު ކުޅޭނެއެވެ. އަދި 26ވަނަ ދުވަހު ލުބުނާނާއި ދެކޮޅަށް ކޮލިފިކޭޝަންގެ ފަހު މެޗުގައި ވާދަކުރާނެއެވެ. ކޮލިފިކޭޝަނަށް ގުރުލާފައިވަނީ މިދިޔަ 2018ވަނަ އަހަރުގެ ނޮވެމްބަރ 7 ގައި މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭ.އެފް.ސީ ހައުސްގައެވެ. އޭ.އެފް.ސީގެ މެމްބަރު 47 ޤައުމުގެ ތެރައިން ކޮލިފިކޭޝަންގައި ބައިވެރިވަނީ 44 ޓީމެވެ. އެއީ ބައްރުގެ ހުޅަނގު ޒޯނުން 24 ޤައުމާއި އިރުމަތީ ޒޯނުން 20 ޓީމެވެ، ކޮންމެ ގްރޫޕަކަށް 4 ޓީމް ވާނެހެން 11 ގްރޫޕަށް ބަހާލެވިގެން ކުރިއަށްދާ ކޮލިފިކޭޝަންއިން މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި އެންމެ މަތިން ޕޮއިންޓް ހޯދާ ގްރޫޕުގެ ދެވަނަ މަގާމުގައި ނިންމާލާ 4 ޓީމެވެ. މީގެ އިތުރުން މުބާރާތުގައި ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލޭންޑެވެ.
މުބާރާތް ބޭއްވޭނީ ތައިލޭންޑުގައެވެ. އެހެންކަމުން ތައިލޭންޑަށް މުބާރާތުގެ ޖާގައެއް ކޮލިފައިން ނުކުޅެ ޔަގީންވާނެއެވެ. ނަމަވެސް ތައިލޭންޑް ކޮލިފައިން ކުޅުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ތައިލޭންޑް އިންނަ ގްރޫޕުން އެއްވަނައަށް ނުވަތަ އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ 4 ޓީމް ތެރޭގައި ތައިލޭންޑް ހިމެނިއްޖެނަމަ 5 ވަނައަށް އެންމެ ރަނގަޅު ދެވަނައަށް ކޮލިފައިން ގްރޫޕުގައި ނިންމާ ޓީމް މުބާރާތަށް ތައިލޭންޑަށް ދަތުރުކުރާނެއެވެ.
ފޮޓޯ: އަވަސް.އެމްވީ
2020 AFC U-23 Championship Qualification FAM Maldives National Team Towards Future