News

ސާފް ވިމްނެންސް ޗެމްޕިއަންޝިޕް: މުބާރާތުގެ ފުރަތަމަ މެޗުން ދިވެހި ޓީމް އިންޑިޔާއަތުން ބަލިވެއްޖެ

14 މާރިޗު 2019






ނޭޕާލްގައި މިމަހުގެ 12ވަނަ ދުވަހު ފެށުނު ސާފް އަންހެނުންގެ މުބާރާތުގެ ގްރޫޕް ބީގެ ފުރަތމަ މެޗުން އިންޑިޔާއަތުން 0-6ގެ ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.

އިންޑިޔާއިން މުޅި މެޗުކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅެފައިވާއިރު، ދިވެހި ޓީމަށް ރަނގަޅު ފުރުސަތުތަށް ތަނަވަސް ކުރެވުނީ ވަރަށް މަދުންނެވެ. ސަންޖޫ ވަނީ ދެ ލަނޑު އިންޑިޔާއަށް ކާމިޔާބުކޮށްދިންއިރު އަނެއް ހަތަރު ލަނޑު ޖެހީ ސްވީޓީ ޑޭވީ، ގްރޭސީ ޑޭންގްމީ، އިންދޫމާތީ ކަތީރީސަމް އަދި ރަތާން ބަލާ ދޭވީއެވެ.

މިމޮޅާއެކު ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އިންޑިޔާއިންވަނީ ބޮޑުކޮށްފައެވެ. މުބާރާތުގައި ދެން ގްރޫޕް ބީގައި ކުޅޭ މެޗުގައި މާދަމާ ވާދަ ކުރާނީ ރާއްޖެ އަދި ލަންކާއެވެ. މިމެޗުން ދިވެހިން މޮޅުވެއްޖެ ނަމަ ސެމީއަށް ދިއުމުގެ ފުރުސަތު ދިވެހިންނަށްވެސް ފަހިވެގެންދާނެއެވެ. ނަމަވެސް އެއީ ގްރޫޕް ބީގެ ފަހު މެޗުގައި އިންޑިޔާ އަދި ލަންކާ ކުޅޭ މެޗުގެ ނަތީޖާއަށް ބަލާފައެވެ. އެގޮތުން އެމެޗުން އިންޑިޔާ މޮޅުވެއްޖެނަމަ ސެމީއަށް ދާނީ އިންޑިޔާ އަދި ދިވެހިރާއްޖެއެވެ. ނަމަވެސް ލަންކާ މޮޅުވެއްޖެނަމަ ދެން ބަލާނީ ހުރިހާ ޓީމެއްގެ ގޯލްގެ ތަފާތަށެވެ. އެންމެ ގޯލް ތަފާތު ބޮޑު ދެ ޓީމް އޭރުން ފައިނަލަށް ދާނެއެވެ.

އެންމެ ފަހުން ސާފް އަންހެނުންގެ މުބާރާތް އިންޑިޔާގައި އޮތްފަހަރު ދިވެހިން ލަންކާއާ ކުޅުން މެޗުން ދިވެހިންވަނީ 2-5ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އެ މުބާރާތުގައި ދިވެހިންވަނީ ސެމީފައިނަލަށް ގޮސްފައެވެ. ނަމަވެސް ބަންގްލަދޭޝްއާ ކުޅެ ސެމީއިން ދިވެހިން އެފަހަރު ކެޓީއެވެ. ނަމަވެސް އައު އުންމީދުތަކާ އަޒުމަކާއެކު، ޓީމުގެ މުހިންމު ދެކުޅުންތެރިން އިންޖަރީގައި ތިބިނަމަވެސް ފައިނަލާ ހަމައަށް ދިޔުމަށް އަމާޒު ކަނޑައަޅައިގެން ދިވެހި ޓީމް މިމުބާރާތާ ކުރިމަތިލާފައިވާއިރު ފާހަގަ ކޮށްލަންޖެހޭ ކަމަކީ ޔޫ.އޭ.އީގައި ބޭއްވުނު ތަމްރީންތަކުގައި ދިވެހި އަންހެން ޓީމް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާކަމެވެ.

މިބައްޔަކީ ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަށް އެތައް ފިލާވަޅުތަކެއް ޤައުމީ ޓީމުން ނަގާނެ ބައްޔެއްކަން ޔަގީނެވެ. ލަންކާއާ ދެކޮޅަށް ނިކުންނައިރު މިމެޗުން ހެދުނު ގޯސްތައް ރަނގަޅުކޮށް އަމާޒަށް ވާސިލްވުމަށް ދިވެހި އަންހެން ޓީމް ގަދައަޅާ މަސައްކަތް ކުރާނެކަމާމެދު ޝައްކެއްވެސްނެތެވެ. ދިވެހި ޓީމުން އެދެނީ އެންމެ ކަމެކެވެ. ދިވެހި ސަޕޯޓަރުންގެ ތަރުހީބެވެ. ކިތަންމެ ދުރުގައި ތިބިނަމަވެސް، ރާއްޖޭގައި ތިބެގެންވެސް ޓީމަށް ތަރުހީބު ދިނުމެވެ. ބޯޅަ.އެމްވީއިން އެދެނީ ދިވެހި ޓީމަށް ކާމިޔާބީއެވެ.

ފޮޓޯ: ގޯލްނެޕާލް

Maldives Women's Womens National Team

Leave a Comment:

Comments will be published after moderation.