News

ޓްރާންސްފަރ ބާޒާރު: ޒުވާން ކުޅުންތެރިން ހޯދަމުން އަންނަ ޑަ ގްރާންޑޭއަށް ހާޒިމް ފައުޒީ

13 މާރިޗު 2019






ޒުވާން ކުޅުންތެރިން ހޯދަމުން އަންނަ ޑަ ގްރާންޑޭއިން ހާޒިމް ފައުޒީ އެޓީމަށް ސޮއިކޮށްފިއެވެ.

މުޅިން އަލަށް މި ސީޒަންގައި ޕްރިމިއަރ ލީގުގައި ވާދަކުރާ ޑަ ގްރާންޑޭއިން އަންނަނީ ޒުވާން އެތައް ކުޅުންތެރިންނެއްގެ ސޮއި ހޯދަމުންނެވެ. އޭގެތެރެއިން އެންމެ ފަހުގެ ސޮޔަކީ ހާޒިމް ފައުޒީގެ ސޮޔެވެ. މިޒުވާނާވަނީ މިދިޔަ ސީޒަންގައި ވިކްޓަރީއަށް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އެއަށްފަހު މިއަހަރު ބޭއްވުނު ޔޫތު ޗެމްޕިއަންޝިޕްގައި ގްރީން ސްޓްރީޓްސްއަށް މޮޅު ކުޅުމެއް ހާޒިމްވަނީ ދައްކާފައެވެ.

ޑަ ގްރާންޑޭވަނީ މުޅިން އަލަށް ވާދަކުރާ ޓީމަކާ ބަލާފަ މަޝްހޫރު އަދި މުހިންމު އެތައް ކުޅުންތެރިންނެއް އެ ޓީމަށް ގެންގޮސްފައެވެ. އެގޮތުން އަހްމަދު އިމާޒް (އާއްކޮ)، މުހައްމަދު ރަޝީދު (ހޮކޭ)، ޔަސްފާދު ހަބީބު (މުލަކޭ)، މުރުތަލާ އަދްނާން (މުރޫ)، އަހްމަދު ހަސަން ހިމެނެއެވެ. މީގެ ތެރެއިން މުރޫއަކީ މިދިޔަ 4 އަހަރު ޓީސީއަށް ކުޅުނު މޮޅު ކުޅުންތެރިއެކެވެ. އޭނާވަނީ ޝޭޚް ކަމާލް އިންޓަނޭޝަނަލް ކަޕުގައި ހިމެނުން އިންޑިޔާ ކޮޅަށް ގޯލެއް ޖަހައިދިން ކުޅުންތެރިއެއްވެސްމެއެވެ. މުލަކޭއަކީ އީގަލްސް އަދި މާޒިޔާއިން ފެނިގެން ދިޔަ ހުނަރުވެރި ކުޅުންތެރިއެކެވެ. މާޒިޔާ ދޫކޮށް މީނާ އައިއިރު ތަޖުރިބާކާރު ހޮކޭ އައީ ނިއު ދޫކޮށްފައެވެ. ޑަ ގްރާންޑޭއިން ދެކޭގޮތުގައި އޭނާގެ ތަޖުރިބާއާއި ލީޑަރޝިޕަކީ ދަނޑުމަތީގައި ޑަ ގްރާންޑޭގެ ޒުވާނުންނަށް ދިވެހި ފުޓުބޯޅައިގައި ކުރިއަށް ދިޔުމަށް ވަރަށް މުހިންމު ކަމަކަށް ވެގެންދާނެކަމަށެވެ.

މީގެ އިތުރުން މާޒިޔާ ދޫކޮށް އައި އެހެން އެކަކަކީ މާޒިޔާއަށް ކޯޗްކޮށްދިން ކުރިން ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗްކަމުގެ މަގާމުވެސް އަދާކޮށްފައިވާ އިސްމާއިލް މަހްފޫޒް އިންމައެވެ. މި ސީޒަންގައި ޑަ ގްރާންޑޭގެ ބެންޗްއިން ފެނިގެންދާނެ އިންމައަކީ ކުރިން 19އަހަރުން ދަށް، 23 އަހަރުން ދަށް އަދި ސީނިއަރ ޤައުމީ ޓީމުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެއިތުރުން ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު އަދި އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ ވެލެންސިޔާ އަދި ނިއު ރޭޑިއަންޓްއަށް އޭނާ ކުޅެފައިވެއެވެ. ކްލަބް ފުޓުބޯޅައިގެ ތަޖުރިބާ އެންމެ ބޮޑަށް ހުންނާނެ އިންމައަކީ ޑަ ގްރާންޑޭ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ލިބިގެންދާނެ ހިތްވަރެކެވެ.

ޖޫން މަހު ޕްރިމިއަރ ލީގު މުޅިން އައު ފޯމެޓަކަށް ފެށުމަށް އެފް.އޭ.އެމްއިން ތައްޔާރުވަމުންދާއިރު، ޕްރިމިއަރ ލީގުގައި ވާދަކުރާ ކްލަބްތަކުންވެސް އަންނަނީ ފޯރިގަދަކަމާއެކު ތައްޔާރުވަމުންނެވެ. އެގޮތުން ޓްރާންސްފަރ ބާޒާރުގައި މޮޅެތި އަރާހުރި ކުޅުންތެރިން ބައެއް ޓީމްތަކުން ހޯދަމުންދާއިރު އަނެއްބައި ޓީމްތަކުން ޔޫތު މުބާރާތުގައި ވިދާލި ތަރިން ހޯދުމުގެ ރޭހުގައި ވަނީ ކާމިޔާބީ ހޯދާފައެވެ. މިއީ މިއަންނަ ސީޒަން ފޯރިގަދަވެގެންދާނެ އެއްސަބަބު ކަމަށްވެސް ބެލެވެއެވެ.

ފޮޓޯ: ފޭސްބުކް/ޑަގްރާންޑޭ

Club Green Streets da grande Dhivehi Premier League Transfer Rumours Victory Sports Club

Leave a Comment:

Comments will be published after moderation.