News
ޓްރާންސްފަރ ބާޒާރު: ބެންޖޯ މާޒިޔާއާ ގުޅުނުއިރު ޑުންގާ މާޒިޔާގައި މަޑުކުރުމަށް ނިންމައިފި
13 މާރިޗު 2019
އިތުރު ދެ ކުޅުންތެރިން އަނެއްކާވެސް މާޒިޔާއާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
އޭގެތެރެއިން އެއް ކުޅުންތެރިއަކީ މާޒިޔާގެ އުފެއްދުމެއް ކަމަށްވާ ހަސަން ޝިފާޒް (ޑުންގާ)އެވެ. އިތުރު ތިން އަހަރަށް ދެމިގެންދާ އެއްބަސްވުމެއްގައި ޑުންގާ ސޮއިކުރިއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ކުޅުންތެރިޔާއަކީ މާޒިޔާގެ ޒުވާން ޓީމުން އޭނާގެ ކެރިއަރ ފެށީއްސުރެ މާޒިޔާއަށް ކުޅެމުން އަންނަ ކުޅުންތެރިއެއްކަމެވެ. 2011ވަނަ އަހަރުން ފެށިގެން ސީނިއަރ ޓިމުން ފެންނަމުން އަންނަ ޑުންގާއަކީ މިހާރު އެ ޓީމުގައި ބަރާބަރަށް މެދުކެނޑުމެއްނެތި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާއެވެ.
ދެވަނަ ކުޅުންތެރިޔާއަކީ މާޒިޔާއާ މުޅިން އަލަށް ގުޅުނު އަބްދުﷲ ހަނީފް (ބެންޖޯ)އެވެ. ބެންޖޯއަކީ ދިވެހިންނަށް ކްލަބް ފުޓުބޯޅައިގައި އާ ނަމަކަށް ނުވާނެއެވެ. އެގޮތުން ޓީސީއަށް ކުޅެމުންދިޔަ އިތުބާރު ޑިފެންޑަރއަކީ އެހެނިހެން ބޮޑެތި ކްލަބްތަކުންވެސް ފެނިގެން ގޮސްފައިވާ ކުޅުންތެރިއެކެވެ.
މާޒިޔާއިން މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ފަސް ކުޅުންތެރިން ގެނެސްފައިވާއިރު ޑުންގާއަކީ މާޒިޔާއާއެކު ކޮންޓްރެކްޓް އާކުރި ތިންވަނަ ކުޅުންތެރިޔާއެވެ. މާޒިޔާއަށް މިހާތަނަށް ގެނެސްފައިވާ ކުޅުންތެރިންނަކީ އިބްރާހިމް ހުސައިން ވަހީދު (އިއްބެ)، ހުސައިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕު)، އަހްމަދު އަބްދުﷲ (ލިލީ) އަދި އެންމެ ފަހުގެ ސޮއިކުރުން ކަމަށްވާ އަބްދުﷲ ހަނީފް (ބެންޖޯ)އެވެ. ކޮންޓްރެކްޓް ދެން އާކޮށްފައިވަނީ މުހައްމަދު އިރުފާން (އިރޭ)އަދި މޫސާ ޔާމިން (ޔާމްބެ)އެވެ.
މާޒިޔާ ދޫކޮށްފައި އެހެން ކްލަބްތަކަށް ކުޅުންތެރިން ބަދަލުވަމުންވެސް އެބަދެއެވެ. އެގޮތުން ޑަ ގްރާންޑޭއާ ޔަސްފާދު ހަބީބް (މުލަކޭ) ގުޅިފައިވާއިރު، އިސްމާއިލް އީސަ (މެސީ) ގުޅުނީ ޓީސީއާއެވެ. މީގެއިތުރުން ވަރަށްފަހުން އެ ޓީމަށް ކުޅުނު ގާސިމް ސައްމާމުވަނީ މާޒިޔާއަށް ކުޅެމުން އަންނަ އޭނާގެ ކޮއްކޮ އަލީ ސަމޫހު (ސަމުއްޓޭ)އާ ދުރަށް ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފައެވެ. މީގެއިތުރުން އެ ޓީމްގެ ކޯޗަކަށް ހުރި އިސްމާއިލް މަހްފޫޒްވެސް ވަނީ މުޅިން އަލަށް ޕްރިމިއަރ ލީގުގައި މި ސީޒަންގައި މުޅިން އަލަށް ވާދަ ކުރާ ޑަ ގޭންގްއާ ހަވާލުވެފައެވެ.
ޖޫން މަހު ޕްރިމިއަރ ލީގު މުޅިން އައު ފޯމެޓަކަށް ފެށުމަށް އެފް.އޭ.އެމްއިން ތައްޔާރުވަމުންދާއިރު، ޕްރިމިއަރ ލީގުގައި ވާދަކުރާ ކްލަބްތަކުންވެސް އަންނަނީ ފޯރިގަދަކަމާއެކު ތައްޔާރުވަމުންނެވެ. އެގޮތުން ޓްރާންސްފަރ ބާޒާރުގައި މޮޅެތި އަރާހުރި ކުޅުންތެރިން ބައެއް ޓީމްތަކުން ހޯދަމުންދާއިރު އަނެއްބައި ޓީމްތަކުން ޔޫތު މުބާރާތުގައި ވިދާލި ތަރިން ހޯދުމުގެ ރޭހުގައި ވަނީ ކާމިޔާބީ ހޯދާފައެވެ. މިއީ މިއަންނަ ސީޒަން ފޯރިގަދަވެގެންދާނެ އެއްސަބަބު ކަމަށްވެސް ބެލެވެއެވެ.
ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން އެތައް ކުޅުންތެރިންނެއް މާޒިޔާއަށް ގެންނަމުން ދާއިރު ފާހަގަ ކޮށްލަންޖެހޭ ކަމަކީ ކުލޫންތެރިންގެ ފަރާތުން މެނޭޖްމަންޓްއާ ބެހޭގޮތުން އަންނަ ތައުރީފްތަކެވެ. މެނޭޖްމެންޓާއި ކުޅުންތެރިންގެ ދޭތެރޭ އޮންނަ ގުޅުމަކީ އާއިލީ ގުޅުމެއް ކަމުގައި އެ ޓީމަށް ކުޅެމުންދާ ކުޅުންތެރިން ސިފަކުރެއެވެ.
Maziya Sports and Recreation Club Transfer Rumours