News
ޓްރާންސްފަރ ބާޒާރު: ރިޒޭ އަދި ހަންނަ އީގަލްސްގައި މަޑުކުރުމަށް ނިންމައިފި
13 މާރިޗު 2019
އީގަލްސްގައި މަޑު ކުރުމަށް ދިވެހިރާއްޖޭގެ އެންމެ އުންމީދީ ކުޅުންތެރިޔާ އަދި ޒުވާން އަރަމުން އަންނަ ތަރި ހަންނަ ނިންމައިފިއެވެ.
2013ވަނަ އަހަރު 19 އަހަރުން ދަށުގެ ޤައުމީ ޓީމުން ކްލަބް ފުޓުބޯޅައާ އޭރު ބީރައްޓެހި ރިޒޭއަށް ލިބުނު ފުރސަތު ވެގެން ދިޔައީ އޭރު ދިވެހިންނަށް މުޅިން އާ މޫނަކަށެވެ. ނަމަވެސް އޭ.އެފް.ސީ 19 އަހަރުން ދަށުގެ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުން ވެގެން ދިޔައީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ކަމަކަށެވެ. އެއަށްފަހު 2014ވަނަ އަހަރު އީގަލްސްއަށް ސޮއިކުރުމަށްފަހު އީގަލްސްއަށް ކުޅެމުން އަންނަ 23 އަހަރުގެ ޒުވާނާއަކީ ޤައުމީ ޓީމުގައިވެސް ފަހަކަށް އައިސް ވިދަމުން އަންނަ ކުޅުންތެރިއެކެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ދުނިޔޭގެ ފެންވަރުގައި މޮޅެތި ކުޅުންތެރިންގެ ތެރޭ މި ޒުވާނާ ހިމެނޭކަމެވެ. ރިޒޭވަނީ މިދިޔަ ސީޒަންގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ އެއްވަރު ކޮށްފައެވެ. މިއީ ދުނިޔޭގެ ފެންވަރުން ބެލކަމުގައިވިޔަސް ކުރުމަށް އުނދަގޫ ކަމެކެވެ. މިދިޔަ ސީޒަނަކީ ރިޒޭއަށް ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ކުޅުމެއް މިހާތަނަށް ދެއްކި ސީޒަނެވެ. އެގޮތުން 33 ގޯލް ޖެހި ކުޅުންތެރިޔާވަނީ އެފް.އޭ.އެމްގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑްވެސް ހާސިލް ކޮށްފައެވެ.
ހަންނައަކީ 2015ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕުގައި ހިތަދޫ ޓީމުން ވިދާލި އެރަށަށް އުފަން ކުޅުންތެރިއެކެވެ. އީގަލްސްގެ ލޯ އެކުޅުންތެރިއަކަށް އެމުބާރާތުން އަޅައިގަތް ކުޅުންތެރިޔާވަނީ ނިމިދިޔަ ޔޫތު ޗެމްޕިއަނޝިޕުގައި އީގަލްސް ޓީމުގެ ކެޕްޓަން ބޭންޑް އަޅައިން މޮޅު ކުޅުމެއް ދައްކާފައެވެ. ޒުވާން ނަމަވެސް ލީޑަރޝިޕްގެ ހުނަރު ހުރި މިކުޅުންތެރިޔާއަކީ އެހެން ކްލަބްތަކުންވެސް ހޯދުމަށް އިންތިހާއަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއެކެވެ.
މިދެކުޅުންތެރިންނަށް ތައުރީފްކޮށް އީގަލްސްގެ ކޯޗް އަހްމަދު ޝިޔާޒް (މޯހަން) އަދި އެހެނިހެންވެސް ފުޓުބޯޅައިގެ ތަޖުރިބާކާރުން ވާހަލަ ދައްކާފައިވެއެވެ. ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ޒުވާން ސްކޮޑެއް މިވަގުތު އޮތް އީގަލްސްއަކީ މިދިޔަ ސީޒަންގައި މާލެ ލީގުގައި ދެވަނައަށް ނިންމާ، ދިވެހި ޕްރިމިއަރ ލީގުގައި ތިންވަނައަށް ނިންމާލި ޓީމެކެވެ. މިފަދަ ޒުވާން ކުޅުންތެރިން އުފައްދަމުން އަންނަ އީގަލްސް ފަދަ ކްލަބްތަކަކީ ޝައްކެއްވެސް ނެތް ގޮތުގައި ދިވެހި ފުޓުބޯޅައިގެ ރޫހެވެ.
Club Eagles Transfer Rumours