News
އެފް.އޭ.އެމް އިން ގޯލްކީޕަރ ކޯޗިން ކޯހެއް ބާއްވަނީ
1 ޖެނުއަރީ 2019
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ގޯލްކީޕަރ ކޯޗިން ކޯހެއް ބާއްވަން ތައްޔާރުވެ ކޯސް އިއުލާންކޮށްފިއެވެ. މިކޯހަކީ މިވަގުތު ގޯލްކީޕަރުންގެ ގޮތުގައި ކުޅެމުން އަންނަ ކުޅުންތެރިންނަށާއި، ގޯލްކީޕަރުން ތަމްރީނުކުރުމުގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށް އަދި މިކަމަށް ޝައުޤުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ކޯހެކެވެ.
އެފް.އޭ.އެމް އިން ގޯލްކީޕަރ ކޯޗުން އުފެއްދުމަށްޓަކައި މުޅިން އަލަށް، ފުރަތަމަ ފަހަރަށް ބޭއްވޭ މި ކޯސް އޮންނާއީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި އޭސިއަން ފުޓްބޯލް ފެޑެރޭޝަން (އޭ.އެފް.ސީ) ގެ ގޯލްކީޕަރ ކޯޗިން އިންސްޓަރަކްޓަރެއް ކިޔަވައިދެމުންދާއިރު އެފް.އޭ.އެމްގެ ފަރާތުން ކޯސް ކޯޑިނޭޓަރެއްވެސް ކޯހުގައި ބައިވެރިވާ ފަރާތަކަށް މަޢުލޫމާތުތައް ހިއްސާކުރަމުންދާނެއެވެ.
ޖަނަވަރީ 15 ވަނަ ދުވަހަކީ ކޯހުގައި ބައިވެރިވުމަށް އެދި ފޯރމް ހުށަހަޅަން އޮންނަ އެންމެ ފަހު މުއްދަތުކަމަށް އެފް.އޭ.އެމް އިން އިއުލާންކޮށްފައިވާއިރު، ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯރމް އެފް.އޭ.އެމް ލިބެންހުންނާނެއެވެ. އަދި އޮންލައިންކޮށް ފޯރމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. (ފޯރމް ޑައުންލޯޑް ލިންކް ތިރީގައި އެވަނީ)
މި ކޯހަކީ މިވަގުތު ގޯލްކީޕަރުންގެ ގޮތުގައި ކުޅެމުންއަންނަ ކުޅުންތެރިންނަށް ގޯލްކީޕަރުން ތަމްރީންކުރާ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުމަށް މުސްތަޤްބަލުގައި ވިސްނާނަމަވެސް ވަރަށް ފައިދާހުރި ފަހި ފުރުސަތަކަށްވެގެންދާނެއެވެ. އަދި މިހާރުވެސް އެއްވެސް ސެޓްފިކެޓެއް ނުވަތަ ލައިސަންސެއް ނެތި ގޯލްކީޕަރުން ތަމްރީންކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ރަނުގެ ފުރުސަތެކެވެ.
އެފް.އޭ.އެމް އިން "ޓްވާރޑްސް ފިއުޗަރ" ގެ ނަމުގައި ދުރު ރާސްތާ ފުޓްބޯޅަ ތަރައްޤީ ކުރުމުގެ ޕްލޭން ތަޢާރަފްކުރި ފަހުން ކުޅުންތެރިން ތަރައްޤީކުރުން އަދި ކުޅުންތެރިން ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމާއި ތަރައްޤީކުރުމުގައި އެފް.އޭ.އެމްގެ ފަރާތުން ވަރަށް ހިންގުންތެރިކަމާއިއެކު މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
އެގޮތުން ނިމިދިޔަ 2018 ވަނަ އަހަރުގެ ފަހު 4 މަސްދުވަހު އެކަނިވެސް އޭ.އެފް.ސީ "އޭ" ލައިސަންސްގެ ކޯހަކާއި، އޭ.އެފް.ސީ "ސީ" ލައިސަންސްގެ ދެ ކޯހެއްގެ އިތުރުނެ، އެފް.އޭ.އެމްގެ އިންސްޓްރަކްޓަރުން އުފެއްދުމުގެ ކޯހެއްވެސް ވަނީ ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލާފައެވެ.
ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯރމް،
ފޯރމް ޑައުންލޯޑް ކުރުމަށް > ކްލިކްކޮށްލައްވާ
އެފް.އޭ.އެމް ޓްވާރޑްސް ފިއުޗަރ